ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގެރެސް (ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބައްދަލުވުމެއް ރޭ ބާއްވައިިފިއެވެ.
ޖޭޕީން ބުނީ އެ ބައްދަލުވުމަކީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕީއެންސީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެ ބައްދަލުވުމުގައި ޖޭޕީން ބައިވެރިވީ ޕާޓީގެ ކައުންސިލުން ނަގާފައިވާ ކޮމިޓީގެ މެންބަރުން ކަމަށް އެ ޕާޓީން ބުންޏެވެ.
ނަމަވެސް އެ މަޝްވަރާގެ އިތުުރު ތަފްސީލް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް ޖޭޕީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޭޕީގެ ކައުންސިލް މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވަނީ، ޖޭޕީއާއި ޕީއެންސީ އެއްކޮށްލުމަށް ހުށަހެޅުމެއް ލިބިފައިވާތީ އެކަން ޕާޓީގެ ކައުންސިލް މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ.
އެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވަނީ، ސިޔާސީ ގޮތުން އިތުރަށް ހޯއްދަވަން ޖެހޭ އެއްޗެއް ނެތް ކަމަށާއި މިހާރު ޕާޓީ ހިންގަނީ އެކުގައި ތިބި ބޭފުޅުންނަށްޓަކައި ކަމަށް ވިދާޅުވެފައި ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު ވަނީ މީގެ ކުރިން "ސަން" އަށް ވިދާޅުވެފައެވެ.
އެ ކައުންސިލް ބައްދަލުވުމުގައި ވަނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީއިން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމެއް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމެޓީގައި ގާސިމްގެ އިތުރުން ތިއްބަވަނީ:
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
- ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ
- ރިޔާޒް ރަޝީދު
- އަޙްމަދު ނިހާން ހުސައިން މަނިކު
- މުޙައްމަދު ޝިހާބް
- އަޒްލީން އަޙްމަދު
މިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ޕީއެންސީ ވަރުގަދަ ކުރުމަށް ޕީޕީއެމްއިން މެންބަރުން ގެންދަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމާއި ޕީއެންސީއަކީ އެއް ބައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
މި ފަހުން ރާއްޖޭގައި މުޅިން ވެސް ވެރިކަން ކުރީ ޖޭޕީގެ ތާއީދާއެކު އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓެކެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކަށް ތާއީދު ނުކުރަން ޖޭޕީއިން ވަނީ ނިންމައިފައެވެ.