ކުރީގެ ސަރުކާރުން ފަށައިގެން ކުރިއަށްގެންދިޔަ، ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމްގެ 18 ބައިވެރިން މިއަދު ދަސްވެނިވެއްޖެއެވެ.
ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ޕްރޮގްރާމަކީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިސް ނަންގަވައިގެން އުފައްދަވައި، ސަރުކާރުގެ ޚަރަދުގައި ހިންގެވި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް އިފުތިތާހުކޮށް، ފުރަތަމަ ބެޗަށް ހޮވުނު 18 ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އަދި މެލޭޝިއާއަށް ތަމްރީނަށް އެ މީހުން ފުރާފައިވަނީވެސް ހަމަ އެމަހުގެ ތެރޭގައެވެ.
އެ ސްކޮލާޝިޕް ފުރިހަމަކުރި ފަރާތްތަކަށް ޕްރިންސިޕަލުކަމުގެ މަސްއޫލިއްޔަތު މިދިޔަ މާޗު މަހު ވަނީ ހަވާލުކޮށްފައެވެ.
އެ ޕްރޮގްރާމާ ބެހޭ ގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެފައި ވަނީ، އަތޮޅުތެރޭގައި، ޚާއްޞަކޮށް ކުދި ރަށްރަށުގެ ސްކޫލްތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކިޔެވުން ފެށެންވާއިރަށް ޕްރިންސިޕަލަކު ނެތުން ކަމަށެވެ.

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ޕްރޮގްރާމް ފެއްޓެވީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިސްވެ ހުންނަވައިގެން --
ނަމަވެސް މިފަދަ ޕްރޮގްރާމެއް ތައާރަފުކޮށް، 18 ޕްރިންސިޕަލުން އިތުރަށް ތަމްރީނު ކުރުމާއެކު އެފަދަ މައްސަލަތައް ހައްލުވުމަށް މަގުފަހިވެ، އޭގެ ފައިދާ ވަރަށް ގިނަ ސްކޫލްތަކަށް ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ތައުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ފައިސަލް ވަނީ، ސްޕީޗް ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް މިދިޔަ ދައުރުގައި އިފުތިތާހުކޮށްދެއްވާފައެވެ. އެ ޕްރޮގްރާމްގެ ދަށުން ފަސް މީހަކު ތަމްރީނުވެފައިވެއެވެ.