ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނީ އެތަނެއް ހިންގަން ތިބި ޕްރިންސިޕަލުން ގާބިލް ބަޔަކަށް ވެގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.
ޕްރިންސިޕަލުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ސްކޮލާޝިޕް ފުރިހަމަކުރި ފަރާތްތަކަށް ޕްރިންސިޕަލުކަމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެމަނިކުފާނު ވިދާޅުވީ ޕްރިންސްޕަލުން ތަމްރީންކުރުމަށް ކުރާ މަސައްކަތަކީ މިފަދަ ގޮތަކަށް ފަހުގެ ތާރީޚެއްގައި ކުރެވޭ ފުރަތަމަ މަސައްކަތް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މީގެ ކުރިން ދުވަހަކު ވެސް މީހުން ބިނާކުރުމަށް ނުކުރާހާ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވެއެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ ސްކޫލަކުން ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނީ އެތަނެއް ހިންގަން ތިބި ޕްރިންސިޕަލުން ގާބިލް ބަޔަކަށް ވެގެންކަމަށެވެ. އަދި ޕްރިންސިޕަލުންނަށް ފޯރުކޮށްދޭ ތަމްރީންގެ އެހީގައި ސްކޫލްތައް އެންމެ ރަނގަޅަށް ހިންގަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޤައުމު ބިނާކުރުމަށް ކުރައްވާ މަސައްކަތްތަކަކީ ހުއްޓޭނެ މަސައްކަތެއް ނޫން. ވަރަށް އަވަހަށް ޕްރިންސިޕަލުން ތަމްރީން ކުރުމުގެ އިތުރު 10 ސްކޮލާޝިޕް ވެސް ހުޅުވާލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑްގައި ތަޢުލީމީ ދާއިރާއިން ދައްކުވައިދިނީ ކާމިޔާބު އެތައް ކަމެއް ކަމަށާއި މި ސަރަހައްދުން އެންމެ ބޮޑު ކާމިޔާބެއް ހާސިލްކުރީ ވެސް ރާއްޖެއިން ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ދިރިއުޅުމަށް އެންމެ މުހިންމު ކަންކަން ދަސްކޮށްދެނީ މުދައްރިސުން ކަމަށާއި ކޮންމެ ދުވަހަކީ ވެސް ކަންތައްތައް ހޯދާ ބަލާ ދަސްކޮށް މެނޭޖްކުރާ ދުވަހަކަށް ހަދަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ނުހަނު ފައިދާހުރި ބަދަލުތަކެއް ގެނެވިދާނޭ ފަރާތްތަކެއް ކަަމަށެވެ. އަދި ކުލާހުގައި ކިޔަވައިދޭ މުދައްރިސް ފިޔަވައި، ދަރިވަރުންގެ ތައުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސްކޫލް ހިންގަން ހުރި އިސް ވެރިއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
"ރަނގަޅު ހިންގުންތެރިން ހިންގަނީ ނަމޫނާ ދައްކައިގެން. ތިޔަބޭފުޅުން ވާންވާނީ ޕޮޒިޓިވް، އެންތޫސިއާސްޓިކް، ދުވަހީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް. ހިންގުންތެރި ވެރިއަކަށްވެވޭނީ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި މުޖްތަމައުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ވެވިގެން. ފިޔަވަޅު އެޅުމުގެ ކުރިން ވިސްނާ ބަޔަކަށް ވެވިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ހުރިހާ މީހުންނަކީ ބަދީލީ ބަދަލުތަކަށް މަރްޚަބާ ކިޔައި، އެވަގުތެއްގެ ޙާލަތާ އެއްގޮތަށް ކަންކަންކުރަން ކެރޭ ކުޅަދާނަ ބަޔަކަށްވެ، އީޖާދީ ވިސްނުމާއެކު ޙިކްމަތްތެރި ނިންމުންތައް ނިންމަންކެރޭ ބަޔަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް ލޯންޗުކޮށް، ފުރަތަމަ ބެޗަށް ހޮވުނު 18 ޕްރިންސިޕަލުންނަށް ލިޔުން ޙަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މި ސްކޮލާޝިފް ފުރިހަމަ ކުރީ 17 ޕްރިންސްޕަލުންނެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕުރޮގުރާމް ފުރިހަމަކުރި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ޕްރިންސިޕަލުންގެ ސްކޮލާޝިޕް އެވޯޑްކުރި ފުރަތަމަ ބެޗު ތަމްރީން ފުރިހަމަ ކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޔުނިވަސިޓީ އޮފް މަލާޔާއިންނެވެ. އެމީހުން ފުރިހަމަކޮށްފައިވަނީ މާސްޓާސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯހެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލާޝިޕް ޕްރޮގްރާމަކީ ރޭވުންތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ގާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޕްރޮގްރާމެކެވެ. ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުންނެވެ.