އިންތިޚާބު ބޮއިކޮޓް ނުކުރުން އެއީ، ނިންމުނު އެންމެ ފުރިހަމަ ނިންމުން: އަބްދުއްރަހީމް

ސެޕްޓެމްބަރު 29، 2023: ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ފަހު ކެމްޕޭން ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއި ޕީޕީއެމްގެ ގުޅިފައިވާ ލީޑާޝިޕުން ކެންޑިޑޭޓެއް ނެރެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިރުޝާދުގެ މަތިން އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ނިންމި ނިންމުމަކީ، ސިޔާސީ ހަޔާތުގައި ނިންމުނު އެންމެ ފުރިހަމަ ނިންމުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައީސް ޔާމީނާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތައް އުފެދި، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެ އެއްވެސް ބޭފުޅަކާ ރައީސް ޔާމީނާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި ޚުދު އޭނާއާ ވެސް އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިދިޔަ ފަސް އަހަރުތެރޭ ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ރައީސް ޔާމީން އެދިލެއްވި ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަކީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރަން އެންގެވުމުން، އޭގެ އިދިކޮޅަށް ކަންވެގެން ދިޔުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެންނެވުމުން ވެގެން އުޅޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެންނެވިން ރައީސް ކޮންމެ ގޮތަކަށް ނިންމެވިޔަސް ރައީސްއާ އެކީ ކުރިއަށް ދާންށޭ މިތިބީ. ތިން ފުރުސަތު ދިނިން ރައީސް ބޭނުންފުޅުވާ ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައަޅަން. ނަމަވެސް އެންގެވީ ސެނެޓް މެންބަރުން މެދުގައި ޕްރައިމެރީއެއް ބާއްވައި ކެންޑިޑޭޓަކު ކަނޑައަޅަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ޕީޕީއެމްގެ މީހަކު ބޭނުންވިޔަސް ޕީއެންސީއަށް ބަދަލުވެގެން ވެސް އެކަން ކުރަން ފުރުސަތު ދޭށޭ. ރަނިންމޭޓަކަށް ވެސް އެގޮތަށް އަމަލުކުރުމަށް އެންގީ. އަޅުގަނޑުމެން ކަންތައް ކުރީ ވެސް އެގޮތަށް،"

އޭރު ރައީސް ޔާމީން ފޮނުއްވި ނޯޓުގައި އޮތީ، "ތިމަން މަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފެއް ކަމަށް ގަބޫލުކުރާނަމަ އަދި ދެ ޕާޓީގެ ސެނެޓަށް ފެންނަކަމަށްވާނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު ސެނެޓުގައި ނެގި ވޯޓުގެ އިއްތިފާގުން ނިންމީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕްރައިމަރީ ރައީސް މުއިއްޒު ކާމިޔާބުކުރެއްވުމަށް ފަހު ވެސް އެމަނިކުފާނު ހުންނެވީ ރައީސް ޔާމީނަށް ވާދަކުރެއްވުމަށް ފުރުސަތު ލިބިއްޖެނަމަ ފަހަތަށް ޖެހެން ތައްޔާރަށް ކަމަށެވެ.

"ގައުމީ މަސައްކަތަކަށް ނިކުމެ މިތިބީ، ޒާތީ ކަމަކު ނޫން، ރައްޔިތުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް މިއަދު މި މަސައްކަތްކުރަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީން ޕާޓީ ދޫކުރައްވަން ނިންމެވި މައިގަނޑު ސަބަބުގެ ގޮތުގައި ޖަމީލް ފާހަގަކުރެއްވީ، އެ މަނިކުފާނު ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެންޑޯސްކުރެއްވި މުއިއްޒާ ގުޅުން ކެނޑުމެވެ. ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، ވެރިކަމަށް ހޮވިވަޑައިގަތް ފަހުން މިހާތަނަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ފޯނު ކޯލަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ނުދެއްވައެވެ.

ނަމަވެސް އަބްދުއްރަހީމް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ރައީސް ޔާމީން ގުޅުއްވަން ބޭނުންފުޅުވާނަމަ ރައީސް މުއިއްޒަށް ގުޅުއްވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކަން މިރޭ ވަނީ އިއުލާންކޮށްފައެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އިލެކްޝަންސް ކޮމިޝަންގައި އެދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރަސްމީކޮށް ސިޔާސީ ހަރަކާތްތަކުގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގެން ނޫޅެއްވުނު ނަމަވެސް، އެކަމުގައި އެމަނިކުފާނާ އެންމެ އަރިސްކޮށް މަސައްކަތްކުރައްވާ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙުމަދާއި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަދިވެސް ހައިކޯޓުގައި ކުރިއަށް ދާއިރު، ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.

comment ކޮމެންޓް