ރޮނާލްޑޯގެ ހިތްގައިމު ގޯލަކާއެކު އިތުރު ރެކޯޑެއް

ސައުދީ ޕްރޯ ލީގުގައި އަލް އަޚްދޫދް ކޮޅަށް ގޯލު ޖެހުމަށްފަހު އަލް ނަސްރުގެ ރޮނާލްޑޯ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ގޯލަކާއެކު އޭނާ އިތުރު ރެކޯޑެއް މުގުރާލައިފިއެވެ.

ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް އަޚްދޫދް އަތުން 3-0ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވި މެޗުގައި އުމުރުން 38 އަހަރުގެ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފައެވެ.

މިހާރު ވެސް ކެރިއަރުގައި ގިނަ ރެކޯޑުތަކެއް ހަދާފައިވާ ރޮނާލްޑޯ ޖެހި އެ ދެ ގޯލާއެކު އޭނާ ވެފައިވަނީ ތާރީޚުގައި އެންމެ ގިނަ ލީގު ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ އެކި ގައުމުތަކުގެ ފުރަތަމަ ޑިވިޝަން ލީގުތަކުގައި ކުޅެ، ޖުމުލަ 527 ލީގު ގޯލު ކާމިޔާބުކޮށްފައެވެ.

އަލް އަޚްދޫދްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ދެވަނަ ގޯލަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އޭނާ އެ ގޯލު ޖަހާފައިވަނީ އަލް އަޚްދޫދްގެ ބްރެޒިލް ގޯލްކީޕަރު ޕައުލޯ ވިޓޯ ކުރިއަށް ނުކުމެ ހުރުމާއެކު ދުރުން ފޮނުވާލި ބޯޅަ، ހުރިހާ ކުޅުންތެރިންގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެންނެވެ.

އެ ނަތީޖާއާއެކު ސައުދީ ޕްރޯ ލީގު ތާވަލުގެ ދެވަނައިގައި އޮތް އަލް ނަސްރުން ވަނީ އެއްވަނައިގައި އޮތް އަލް ހިލާލާ ދެމެދު އޮތް ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފައެވެ. ނަމަވެސް އަލް ނަސްރުން ވަނީ އަލް ހިލާލަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

comment ކޮމެންޓް