ދިރާސީ އާ އަހަރު ބަދަލު ކުރާތީ އެޑިއުކޭޝަން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު-- ފޮޓޯ: އެޑިއުކޭޝަން

ދިރާސީ އާ އަހަރު ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅިގެން ސުވާލު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މަޖިލީހަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ވަޒީރާ ސުވާލު ކުރުމަށް އެދިފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. އޭނާ ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރު، ދިރާސީ އައު އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާއިރު ކުދިންގެ ކިޔެވުމަށް ވާނެގޮތަކާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

އެހެންކަމުން މިކަން ކުރަންއުޅޭގޮތެއް ދެނެގަތުމަށް މިނިސްޓަރަށް ސުވާލުކުރަން ހުށަހަޅާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ދިރާސީ އައު އަހަރު، އަންނަ އަހަރުގެ ޖޫން މަހު ނިމޭނެއެވެ. ރޮޒައިނާ އެދިވަޑައިގެންފައި ވަނީ އެ ތާރީޚާ އަލަށް ފެށޭ ދިރާސީ އައު އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތް އޮޅުން ފިލުވައި ދިނުމަށެވެ.

ޖަނަވަރީގައި ދިރާސީ އާ އަހަރު ފެށޭގޮތަށް އޮތުމަކީ ރާއްޖޭގައި އޮތް ޒަމާންވީ އާދައެކެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުވެ ދަރިވަރުންގެ ކިޔެވުން އިތުރު ހަ މަސްދުވަހަށް ދަންމާލަން ޖެހުނީއެވެ. އެއާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރަސްމީކޮށް އަހަރުގެ މެދުތެރޭ ފަށާގޮތަށް ބަދަލުކޮށް އޯގަސްޓް މަހުގެ ކުރީކޮޅު ކިޔަވައިދޭން ފަށާގޮތަށް 2020 ވަނަ އަހަރުން ފެށިގެން ބަދަލު ކުރިއެވެ.

ދިރާސީ އާ އަހަރު ޖަނަވަރީގައި ފެށޭގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިކަމަށް އެއް ބަޔަކު ތާއީދު ކުރާއިރު، ބައެއް ބެލެނިވެރިން މިކަމާމެދު ކަންބޮޑުވެ ނުރުހުން ފާޅުކުރެއެވެ.

comment ކޮމެންޓް