ޕީއެސްޖީއިން މޮނާކޯ ބަލިކޮށްފި

އެމްބާޕޭވަނީ މިފަހަރު ލީގުގައި 14 ލަނޑު ކާމިޔާބުކޮށްފަ / ފޮޓޯ: ޔޫރޯސްޕޯޓް

ފްރެންޗް ލީގް އާން ގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި އޭއެސް މޮނާކޯ ބައްދަލުކުރި މެޗް, ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ ފަސް ލަނޑު ދެ ލަނޑުންނެެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައި މެޗްގެ ލީޑު ނަގައިފައިވަނީ ޕީއެސްޖީއެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ ގޮންކާލޯ ރާމޯސްއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން މޮނާކޯއިން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕީއެސްޖީގެ ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓަކޫމީ މިނަމީނޯއެވެ.

މިމެޗްގައި ޕީއެސްޖީއިން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ މެޗްގެ 39 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މިމެޗްގައި ޕީއެސްޖީގެ ދެވަނަ ތިންވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ އުސްމާން ޑެމްބެލޭއެވެ. މިއީ މިސީޒަންގައި ޕީއެސްޖީ އާއި ގުޅުނު ޑެމްބެލޭ އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިޓީނިއާއެވެ. މިމެޗްގައި މޮނާކޯއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ ފޮލޮރިން ބޮލަގުންނެވެ. އަދި ޕީއެސްޖީގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނި ރަންޑަލް ކޯލޯ މުއާނީއެެވެ.

މިކާމިޔާބީ އާއެކު ޕީއެސްޖީ މިހާރު އުޅެނީ 13 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި މޮނާކޯ އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

comment ކޮމެންޓް