ޑިސާސީ ޗެލްސީއާ ގުޅެނީ

މޮނާކޯގެ ފްރާންސް ޑިފެންޑަރު އެކްސެލް ޑިސާސީ -- ފޮޓޯ/ ގެޓީ

މޮނާކޯގެ ފްރާންސް ޑިފެންޑަރު އެކްސެލް ޑިސާސީ، ޗެލްސީއާ ގުޅުމަށް އެއްބަސްވެއްޖެއެވެ.

ޗެލްސީން ޑިސާސީ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ކްލަބުގެ ޑިފެންޑަރު ވެސްލީ ފޮފާނާގެ ފައިގެ ލިގަމެންޓަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފައިވާތީއެވެ. ޗެލްސީގެ އިތުރުން ޑިސާސީ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން ޑިސާސީ ހޯދުމަށް ހުށަހެޅި 45 މިލިއަން ޔޫރޯ (50 މިލިއަން ޑޮލަރު)ގެ އަގަށް މޮނާކޯއާއެކު ވަނީ އެއްބަސްވުމަކަށް ގޮސްފައެވެ. އަދި މިހާރު އެ ޓްރާންސްފާ ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޗެލްސީގެ ކޯޗުކަމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވުމަށްފަހު އެ ކްލަބުގެ ސްކޮޑަށް ދަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓާއި ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް ފަދަ މުހިންމު ކުޅުންތެރިންތަކެއް ދޫކޮށްލުމަށްފަހު، ސްކޮޑު ވަރުގަދަކުރުމަށް އިތުރު ކުޅުންތެރިންތަކެއް ވެސް ދަނީ ގެންނަމުންނެވެ. އެގޮތުން 53 މިލިއަން ޕައުންޑަށް އާރްބީ ލައިޕްޒިގުން ގެނައި ފްރާންސް ފޯވަޑް ކްރޮޓޮފާ އެންކުންކޫ ފާހަގަކޮށްލެވެއެވެ.

ޗެލްސީއާ ގުޅުމާ ގާތަށް ގޮސްފައިވާ ޑިސާސީ އަކީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ފްރާންސްގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކުރި ނަމަވެސް، އާޖެންޓީނާ އަތުން ވަނީ ބަލިވެފައެވެ.

comment ކޮމެންޓް