ވަރުން އާއި ސިދާތުގެ ފުރަތަމަ ފިލްމަށް އާލިއާ ގެންނަން ދެ ތަރިން ދެކޮޅު ހެދި

ބޮލީވުޑްގެ ކާމިޔާބު އެކްޓަރުން ކަމަށްވާ ސިދާތް އާއި ވަރުންގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އަށް އާލިއާ ބަޓް ނުނެގުމަށް ދެ ތަރިން ވެސް ނަސޭހަތްތެރިވި ކަމަށް ކަރަން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ކަރަންގެ "ކޮފީ ވިތު ކަރަން"ގެ އެ ޕިސޯޑުގެ ދެ މެހުމާނުން ވަނީ ފިލްމީ ކެރިއަރު ފެށުނުގޮތާ ބެހޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އަށް ފަހު ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް މި ދެ ތަރިންނަށް ލިބެމުން އަންނައިރު ބަތަލާ އާލިއާ ބަޓްވެސް ވަނީ ކެރިއަރުގައި އަގުނުކުރެވޭ ފަދަ ގިނަ ކާމިޔާބީ ތަކެއް މިހާތަނަށް ހޯދާފައެވެ.

މީގެ ހަ އަހަރު ކުރިން ވުޖޫދަށް އައި ދަރުމާގެ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގައި މަސައްކަތް ކުރުމުގެ ކުރިން ވެސް ސިދާތް އާއި ވަރުން އަކީ ކަރަންގެ ރަޙްމަތްތެރި ދެ މީހުންނެވެ. ނަމަވެސް އާލިއާ ބަޓް އަކީ ކަރަންއަށް މުޅިން ބީރަށްޓެހި ފަރާތެކެވެ.

އާލިއާ ފުރަތަމަ އޮޑިޝަނަށް ގެނެވުނު ދުވަހުވެސް ވަރުން އާއި ސިދާތު ވަނީ އާލިއާ ފިލްމަށް ނުނެގުމަށް އެދި މެސެޖުތައް ފޮނުވާފައި ކަމަށް ކަރަން ވަނީ ޝޯވްގައި ބުނެފައެވެ. ކަރަން މިހެން ބުނުމާއެކު ވަރުން އާއި ސިދާތުގެ މޫނުމަތީގެ ކުލަވަރު ބަދަލުވި ނަމަވެސް ކަރަން ވަނީ ދެ ތަރިންގެ އެ ސިއްރު ހާމަކޮށްފައެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ތަރިން

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އަށް ފަހު ވަރުން އާއި ސިދާތު އަދި އާލިއާ އަކީ ވަރަށް ގާތް ތިން ރަޙްމަތްތެރިންނެވެ. އެ ފިލްމަށްފަހު އާލިއާ އާއި ވަރުން ވަނީ ވަރަށް ކާމިޔާބު ފިލްމުތަކެއް އެކީގައި ކުޅެފައެވެ.

ދަރުމާ ޕްރޮޑަކްޝަންގެ "ސްޓޫޑަންޓް އޮފް ދަ އިޔާ"އަށް ފަހު އާލިއާ އާއި ސިދާތު ވަނީ ހަގީގީ ދިރިއުޅުމުގައި ވެސް ލޯބީގެގޮތުން ގުޅިގެން އުޅެފައެވެ. ދެ މީހުންގެ ލޯބީގެ ގުޅުމަށް ނިމުން އައި ނަމަވެސް މިހާރުވެސް ސިދާތު އާއި އާލިއާ އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. މި އެޕިސޯޑުގައި އާލިއާ ވަނީ ވަރުން އާއި ސިދާތާ ބެހޭގޮތުން ވަރަށް ހާއްސަ މެސެޖުތަކެއް އާއްމުންނާ ހިއްސާކޮށްފައެވެ.

comment ކޮމެންޓް