ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮތީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު، ސަރުކާރުގެ ހިމާޔަތުގައިކަމަށް އެ ޕާޓީގެ ނައިބު ރައީސް، އަދި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނު މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެ ޕާޓީއާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުވެފައި މިވަނީ އެ ޕާޓީގެ ތެރޭގައި އެތައް ހަމަނުޖެހުމެއް އުފެދިފައިވަނިކޮށް ހިމެނޭނުން ތިއްބެވުމަށްފަހުގައެވެ.
ޣައްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ސަރުކާރުގެ ހިމާޔަތުގައި 'އަތާއި އަތް ގުޅައިގެން' މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ. އަދި ކެރުމާއި އިޚްލާސްތެރިކަމާއެކު އެ ކަމުގައި ސާބިތުވުމަށް ވެސް އެދިވަޑައިގެންފައެވެ.
އަދި ގައުމަށް ހެޔޮއެދޭ އެންމެހާ ރައްޔިތުން ރައީސް ޑރ. މުއިއްޒާއެކު ތިބުމަށް ވެސް ޣައްސާންވަނީ ގޮވައިލައްވައިފައެވެ.
"ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު. ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއިއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިޚްލާސްތެރިކަމާއެކު ސާބިތުވެހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒާއެކު ކުރިއަށް ވަޑައިގަތުމަށް ގޮވައިލަން،" ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ ގުޅުން ގޯސްވެ، ރޭ އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެފައެވެ. އަދި، އެ މަނިކުފާނުގެ އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް ހަމަ ރޭ ވަނީ ފައްޓަވައިފައެވެ.
އަލަށް އުފައްދާ ޕާޓީގެ މަސައްކަތް ފަށައިގަނެ، އެ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. އެކަމަކު، ޕާޓީގެ ނަމާއި ލޯގޯ އާންމު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުންނެވެ.
ޕީއެންސީގެ ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ޕީޕީއެމް ދޫކޮށްލެއްވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ގިނަ މެމްބަރުން އަދި ވަކި އެއްޗެއް ވިދާޅުނުވެއެވެ.
ލީޑާޝިޕުން އެ މަނިކުފާނުގެ މަޝްވަރާއާއި ހިޔާލުފުޅު ނުހޯއްދަވައި ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޯނު ކުރެއްވުމުން ޖަވާބު ވެސް ނުދެއްވައި ކަމަށް ޔާމީނާ ހަވާލާދީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލު ރޭވަނީ ވިދާޅުވެފައެވެ.