އަލަށް ފުޓުބޯޅައަށް ތައާރަފުވާ އެޓޯލްސް އެފްސީގެ ފުރަތަމަ މެޗުގައި ތޮއްޑޫ އެފްސީ އަތުން ބަލިވެއްޖެއެވެ.
އއ. ތޮއްޑޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެކުވެރިކަމުގެ މެޗުގައި ތޮއްޑޫ އެފްސީ އަތުން އެޓޯލްސް އެފްސީ ބަލިވީ 4-2ގެ ނަތީޖާއަކުންނެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއެވެ.
އިއްޔެ ކުޅުނު މެޗުގެ ކުރީކޮޅު ތޮއްޑޫ އެފްސީން ވަނީ ރަނގަަޅު ކުޅުމެއް ދައްކައި، ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، އެޓޯލްސް އެފްސީއަށް ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދިނީ ކެޕްޓަން އަލީ ޝަރީފް (ލޮނު އައްޔަ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފަށް އެޓޯލްސް އެފްސީން ނުކުތީ އެ ކްލަބުގެ އެސިސްޓަންޓް ކޯޗު އަދި މީގެ ކުރިން ނިއު ރޭޑިއަންޓާއި ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ)އާ އެކުއެވެ. ދެވަނަ ހާފުގައި ނިޔާއާއެކު އެޓޯލްސް އެފްސީގެ މިޑްފީލްޑުން ރަނގަޅު ކުޅުމެއް ދެއްކުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓޯލްސް އެފްސީގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު (އަޖުއްކޮ)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ތޮއްޑޫ އެފްސީން އަލުން ލީޑު ފުޅާކުރިއެވެ. އެ ގޯލަށްފަހު އެޓޯލްސް އެފްސީން ވަނީ ކުރިއަށް ޖެހި، އެޓޭކު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
ކޯޗު އަލީ ވަހީދުގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެޓޯލްސް އެފްސީން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކުރީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ. ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އެޓޯލްސް އެފްސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނިޔާއެވެ. އަދި މެޗު ނިމެނިކޮށް، ތޮއްޑޫ އެފްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައެވެ.
އެޓޯލްސް އެފްސީ ވަރުގަދަކުރުމަށް އެޓީމަށް ބްރެޒިލްގެ ތިން ފޯވަޑުން ގެނައި ނަމަވެސް، އެ ތިން ކުޅުންތެރިން މިއަދުގެ މެޗުގައި ފެނިފައެއް ނުވެއެވެ. އެޓޯލްސް އެފްސީއަށް ގެނައި ބްރެޒިލް ކުޅުންތެރިންގެ ތެރޭގައި މީގެ ކުރިން ރާއްޖޭގެ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އެވަޓަން ސުއާޒޯ ސަންޓޯސް ހިމެނެއެވެ. ދެން ހިމެނެނީ ޓިޓޯ އާއި ލީނިކާއެވެ.