ދަރަވަންދޫގައި މިހާރު ކުރިއަށްދާ ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2023 ގައި ނިއު ސްޕީޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަނުން ފެލްކަން ޔުނައިޓެޑް ތާވަލުގެ އެންމެ ކުރިއަށް ޖެހިލިއިރު އަލްބަޓްރޯސް ޖޫނިއާސްއާއި ޔުނައިޓް މަލެންމަގުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ނިއު ސްޕީޑާއި ފެލްކަން ޔުނައިޓެޑްއެވެ. މި މެޗު ފެލްކަން ޔުނައިޓެޑުން ކާމިޔާބު ކުރީ 6-1 ނެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ފެލްކަން ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ރަށުންބޭރު ކުޅުންތެރިއާ އިބްރާހިމް ސިމާޙް (ތަޑޭ)އެވެ. ފުރަތަމަ ހާފު ނިމުނީ ތަޑޭ ޖަހައިދިން ދެ ލަނޑާ އެކު ދޭއް ސުމަކުން ފެލަކަން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކުޅެންނުކުމެ ފުރަތަމަ ލަނޑު ޖަހައި ނިއު ސްޕީޑުން ވަނީ ފަރަގު އެއް ލަނޑަށް ކުޑަކޮށްފައެވެ. މި ލަނޑު އެ ޓިމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވިއާމް (ޕަބްލޯ)އެވެ. އެހެންނަމަވެސް ފެލްކަންގެ މުހައްމަދު ސިމާން (ޝިމަޅޭ) ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ފެލްކަންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ފެލްކަންގެ ފަސްވަނަ ލަނޑު އީމާން އިލްޔާސް (އީންޓެ) ކާމިޔާބުކޮށްދިންއިރު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޝިމަޅޭ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ތިން ލަނޑު ޓީމަށް ކާމިޔާބުކޮށްދިން ޝިމަޅޭއެވެ.
މި ނަތީޖާ އާއެކު ފެލްކަން ވަނީ ލީގު ތަވާލްގެ އެންމެ ކުރިއަށް ގޯލްގެ ތަފާތުން ޖެހިލާފައެވެ. ފެލްކަން އަދި ކިންގްސް ޔުނައިޓެޑަށް ވެސް ދެ މެޗު ނިމުނު އިރު ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓް މަލަންމަގާއި އަލްބަޓްރޯސް ޖޫނިއާސްއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުނައިޓް މަލަންމަގެވެ. މެޗުގެ ފުރަތަމަ ހާފުގައި މަލަންމަގަށް ލީޑު ނަގައިދިނީ މިގްދާމް އަބްދުލް ހަމީދު (މިގޫ)އެވެ.
ޔުނައިޓް މަލަންމަގު ލަނޑު ޖަހައި ލީޑު ނެގި ފަހުން މެޗުގެ ނަތީޖާ ހަމަ ހަމަކުރަން އަލްބަޓްރޯސް ޖޫނިއާސް ވަނީ ކުޅުން ރަނގަޅުކޮށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެކަމަކު، އަލްބަޓްރޯސް ކުޅުންތެރިން ފޮނުވައިލި ގިނަ ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ ބޭރަށެވެ.
މެޗުގައި ނަތީޖާ އެއްވަރުކޮށްދީ އަލްބަޓްރޯސް ޖޫނިއާސްއަށް މެޗުން ޕޮއިންޓެއް ހޯދައިދިން ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އާޙިލް އިސްމާއިލް ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލްބަޓްރޯސް ޖޫނިއާސްގެ ރަށުން ބޭރު ކުޅުންތެރިޔާ އަހުމަދު އާޙިލް އާމިރެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. ފައިނަލްގައި ލީގު ބުރުގެ އެއްވަނައަށްދާ ޓީމާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މިހާތަނަށް އާއިރު މުބާރާތުގައި ކޮންމެ ޓީމެއް ވެސް ވަނީ ދެ މެޗު ކުޅެފައެވެ. ލީގު ތާވަލުގެ އެއްވަނަ އަދި ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ފެލްކަންއާއި ކިންގްސް ޔުނައިޓެޑްއެވެ. ސުޕަ ކިންގްސްއާއި ނިއު ސްޕީޑަށް ލިބިފައިވަނީ ދެ މެޗުން ތިން ޕޮއިންޓެވެ. އަދި، އަލްބަޓްރޯސް ޖޫނިއާސް އާއި ޔުނައިޓް މަލަންމަގަށް ލިބިފައިވަނީ ދެ މެޗުން އެއް ޕޮއިންޓެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެލްކަން ޔުނައިޓެޑާއި ސުޕަ ކިންގްސްއެވެ. ދެވަނަ މެޗުގައި ޔުނައިޓް މަލަންމަގު ބައްދަލުކުރާނީ ނިއު ސްޕީޑާއެވެ.