މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ސަމާލުވާން އެދެފި

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު ފަހު 03:00އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި، ދެކުނު އަތޮޅުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ބ. ގޮއިދޫ، ގދ. ތިނަދޫ އަދި ގދ. ކާޑެއްދޫއަށެވެ.

ގޮއިދޫއަށް 69.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. އަދި ތިނަދޫއަށް 78.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ކާޑެއްދޫއަށް ވެހިފައި ވަނީ، 54.7 މިލިމީޓަރުގެ ވާރޭއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް މާލޭ ސަރަހައްދުގެ މޫސުން އޮންނާނެ ކަމަށް ލަފާކުރެވެނީ ގޯސްކޮށެވެ. އެގޮތުން ވާރޭ ވެހި، ވައި ބާރުވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ނަމަވެސް ކަނޑުތައް މަޑުވާނެ ކަމަށް ބުންޏެވެ.

comment ކޮމެންޓް