އެމްޑީޕީގެ ވަގުތީ ރައީސްކަމަށް ޞާލިހު

ރައީސް ޞާލިހު ގއ. ވިލިނގިލީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ވަގުތީ ރައީސްކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.

އެ ކަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

މިރޭގެ ގައުމީ މަޖިލީސް ޖަލްސާގައި ރައީސް ޞާލިޙް ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެ މަނިކުފާނުގެ ރިޔާސީ ދައުރު މިދިޔަ ހުކުރު ދުވަހަށް ހަމަވުމާ އެކު، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތު ޞާލިޙަށް ނޯންނާނެއެވެ. އޭރު އެމްޑީޕީގެ އެންމެ އިސް ލީޑަރަކަށް ޞާލިޙް ވެވަޑައިގަތީ ވެރިކަމުގައި ހުންނެވުމުން، ޕާޓީގެ އަސާސީ ގަވާއިދުގައި އެގޮތަށް އޮންނާތީއެވެ.

މިރޭ އެ ޕާޓީގެ ގައުމީ މަޖިލިސް އޮންނައިރު، އެ ޕާޓީގެ އެންމެ އިސް ދެ މަގާމު އޮތީ ހުސްވެފައެވެ.

ޕާޓީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ކުރިން އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން، އެ ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަން އޮތީ ހުހަށެވެ.

އެމްޑީޕީން އެންމެ ފަހުން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވީ، ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު މިދިޔަ އޮކްޓޫބަރު މަހުގެ ތިނެއްގައެވެ.

މިރޭ އއ. އުކުޅަހުގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ކުރިމަގުގައި އެ ޕާޓީގެ ސިޔާސީ ކަންކަން ބައްޓަންކުރާނެ ގޮތާ ގުޅޭ މަޝްވަރާތަކެއް ކޮށްފައެވެ.

comment ކޮމެންޓް