ބްރިޖު މަސައްކަތް އެހެން ކުންފުންޏަކަށް ދިނުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

މަސައްކަތް ނިންމުމުގައި ތާވަލުގައި އޮތް މިންވަރަށްވުރެ ބޮޑުތަނުން މަސައްކަތް ލަސްވެފައި އޮތް ނަމަވެސް ބްރިޖު މަސައްކަތްކުރާ އެފްކޮންސް ކުންފުންޏަށް ދަތިކުރަން ނުވަތަ، އެ މަސައްކަތް އެ ކުންފުނި އަތުން ނަގައި އެހެން ކުންފުންޏަކަށް ދިނުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުން އަންނަ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން، މިނިސްޓަރު ވަނީ އެ މަސައްކަތް ނިންމުމަށް ޓަކައި ތާރީޚުތައް ފަސްކޮށް ނިމިދިޔަ ސަރުކާރުން ސަޕްލިމެންޓަރީ އެގްރިމަންޓެއް ހަދައިފައިވާކަން ހާމަކުރައްވައިފައެވެ. އެ އެގްރިމަންޓް ހަދައިފައިވަނީ ކުރީ ސަރުކާރު ނިމެން އެއް ދުވަހަށްވެފައި ވަނިކޮށެވެ.

މިނިސްޓަރު ވިދާޅުވީ އެފްކޮންސްގެ އެއްބަސްވުން ބާތިލުކުރުމުގެ ވިސްނުން ގެންގުޅޭނަމަ ދެ ކަމެއް ފާހަގަވާކަމަށެވެ.

އެއީ އެފްކޮންސްގެ މަސައްކަތް ލަސްވުމާއި، އެ މަޝްރޫއަށް ގުޅީފަޅުން މަގު ހަދަން ބޭނުންވާ ބިން ހިއްކައި އެފްކޮންސްއާ ހަވާލުކުރުމުގައި ސަރުކާރަށް ލަސްވަމުން ދިއުންކަމަށެވެ.

އެހެންކަމުން ސަރުކާރުގެ މައްސަލައެއް ވެސް މަސައްކަތް ލަސްވި ސަބަބެއްގެ ގޮތުގައި އެފްކޮންސްއަށް ފާހަގަކުރުމުގެ ފުރުސަތު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ އެކޮޅުން ވެސް ބޮޑު ކްލެއިމެއް އެބައޮތޭ ކުރެވެން. ދައުލަތަށް ވެސް އެބައޮތް މަސައްކަތް ލަސްވެގެން ދިޔައީމާ އެ ބަލަން. އަދި ޑިލޭވުމަކީ ކޮންޓްރެކްޓް ޓާމިނޭޓްކުރުމަށް ސީދާ ވާނެ ކަމެއް ނޫން. އެހިސާބަށް ދާން ސްޓެޕްތަކެއް ނަގަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅީފަޅުގައި ހުންނަ ކާސްޓިން ސައިޓުގައި މަސައްކަތު މީހަކު ހުއްޓިލައިގެން -- ފޮޓޯ: އިންފިނިޓް މޯމަންޓްސް/ އާއިޝް އަޝްރަފް

އޭނާ ވިދާޅުވީ ކޮންޓްރެކްޓް އުވައިލަން ސަރުކާރުން މަސައްކަތް ފަށައިފިނަމަ އަލުން ޖެހޭނީ މަސައްކަތް ހުއްޓައިލައި، އާބިޓްރޭޝަނަށް ދާންކަމަށެވެ.

ނަމަވެސް ސޮއިކުރި ސަޕްލިމަންޓްރީ އެގްރިމަންޓުގައި މިހާރު ކަނޑައަޅައިފައި ހުރި ތާރީޚުތަކަކީ އެ ފަދަ ބިޔަ ބޮޑު މަޝްރޫއެއް ނިންމައިލަން އެކަށީގެންވާ ތާރީޚުތަކެއްކަމަށް މި ސަރުކާރަށް ގަބޫލުކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ މި ވަގުތު މަސައްކަތްދާ ގޮތަށް ބަލައިކަމަށްވަންޏާ އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ [މަސައްކަތް ނުނިންމޭނެކަމަށް]. އެ ބޭފުޅުންގެ މިހާރު އެބަހުއްޓޭ މެޝިނަރީ ވައިސްކޮށް އެ މަސައްކަތްތައް މިހާރު އެއްބަސްވެފައި އޮތް ތާރީޚުގެ ތެރެއިންކޮށް ނިންމައިލުމުގެ،" ނިމުނު ސަރުކާރުން ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ބްރިޖުގެ މަސައްކަތް މިހާރު ގޮސްފައި އޮތް މިންވަރަށް ބަލައި އެ މަސައްކަތުގެ ޑިޒައިނަށް ބަދަލެއް ނުގެންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އޭގެ ސަބަބުން މަސައްކަތް އިތުރަށް ލަސްވެ، އެ ކަމަށް ބޮޑު ހޭދައެއްކުރަން ޖެހޭނެތީކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަސައްކަތް ކުރުމުގައި ލަސްވާން މެދުވެރިވި ސަބަބުތަކާއި، މަސައްކަތްކުރި ކުންފުންޏަށް ދިމާވެދާނެ ކުރިމަތިވި ދަތިތައް ވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

ލަސްވި ބައެއް ސަބަބުތަކުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި ކަންކަމަކީ:

  • ފުން ކަނޑުގައި ބްރިޖު އެޅުމުގެ ތަޖުރިބާ އެފްކޮންސްގައި ނެތުން'
  • އެފްކޮންސްއިން މަސައްކަތުގެ ބުރަކަމާއި ބޮޑުކަން އަންޑާއެސްޓިމޭޓްކުރުން
  • އަންޑާއެސްޓިމޭޓްކުރުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިފައި ނެތުން

މިނިސްޓަރު ވިދާޅުވީ ލަސްވި މުއްދަތުގެ ތެރޭގައި އެފްކޮންސްއަށް މި މަސައްކަތް ރާވައި، މަސައްކަތް ދެނެގަނެ ދަސްކުރަން ފުރުސަތު ލިބިފައިވާކަމަށެވެ. އެހެންކަމުން ދެން މަަސައްކަތް އަވަސްކަމާއެކު ހިނގާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް