އުރީދޫ ޑްރޯން ރޭސްގައި ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވައިލައިފި

ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ކަމަށްވާ އުރީދު ޑްރޯން ރޭސްއަށް ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އުރީދޫއިން ބުނީ މި ރޭހަށް ރަޖިސްޓާ ވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް ގެ ވެބްސައިޓުން ހުޅުވައިލައިފައިވާ ކަމަށެވެ.

މި ރޭހަކީ މިއަންނަ މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑްރޯން ރޭހެއް ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ހަރަކާތް އޮންނާނީ އެ ދުވަހުގެ ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އުރީދޫއިން ބުނީ މި ހަރަކާތުގެ ސަބަބުން ގިނަ ބަޔަކަށް ތަފާތު ތަޖުރިބާ ތަކެއް ލިބިގެން ދާނެ ކަމަށެވެ.

އުރީދޫ ޑްރޯން ރޭސް ބެހިފައި ވަނީ ދެ ކެޓަގަރީއަކަށްކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ "ސްކައި އެލީޓް" (އެފްޕީވީ ޑްރޯން) އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަކޮށްފައިވާ "ސްކައި ވޯކާ" ކެޓަގަރީއެވެ.

ސްކައި އެލީޓް ކެޓެގަރީގައި 16 އަހަރުން މަތީގެ ޑްރޯން ދުއްވާ މީހުންނަށް ބައިވެރި ވެވޭއިރު، ސްކައި ވޯކާ ކެޓްގަރީގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ މީހުންނަށެވެ.

ދެ ކެޓެގަރީގައި ވެސް އޮބްސްޓެކަލްސް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓްރެކުގައި ރޭސް ކުރާއިރު ބަލަން ވާނީ ވީހާވެސް އަވަހަކަށް ރޭސް ފުރިހަމަ ކުރުމަށް ކަމަށް އުރީދޫއިން އިރުޝާދުދެއެވެ. ބައިވެރިވާ މީހުންނަަށް ރެޖިސްޓާ ކުރެވޭނީ މީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއްގައެވެ.

ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:

  • މި ކެޓެގަރީގައި ބައިވެރިވެވޭނީ ޑިސެމްބަރު 22އާ ހަމައަށް 16 އަހަރު ފުރިފައިވާ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.
  • މި ކެޓެގަރީގައި ބައިވެރިވާ ބޭފުޅުން ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކު.
  • އެއާކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވާންޖެހޭނެ
  • ޑްރޯންގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުންނަންވާނެ.

ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:

  • މި ކެޓެގަރީ ގައި ބައިވެރިވެވޭނީ ޑިސެމްބަރު 22 އާ ހަމައަށް 12 އަހަރު ފުރިފާވާ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށް.
  • މި ކެޓެގަރީގެ ބައިވެރިންނަށް ސްޓެބިސިސްގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ. އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫން.
  • ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރަޖިސްޓާ ކުރާ ފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖެހޭ.
  • ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރަޖިސްޓާ ކުރާ ފަރާތްތަކަށް ރަޖިސްޓްރޭޝަން މަރުހަލާ ނިމުމުން ބުނެދޭނެ

އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް 1ވަނަ 2ވަނަ އަދި 3ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ދޭން ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ޑްރޯން ރޭސް 2023 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 10ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޑްރޯން ރޭހަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އުރީދޫ ފަން ރަން އާ އެކު އޮންނަ ރޭހެކެވެ.

comment ކޮމެންޓް