އުރީދޫ މޯލްޑިވްސްއިން ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އަންނަ މަހުގެ ނުވައެއްވާ އާދިއްތަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އުރީދޫއިން ބުނީ މި އޭޖީއެމްގައި ބައިވެރިވުމަށް ރަޖިސްޓަރުވުމަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ އުރީދޫގެ ހެޑް އޮފީހަށް ހާޒިރުވެ ބައިވެރިވެވޭނެ ކަމަށެވެ.
ހެޑް އޮފީހަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 50 ހިއްސާދާރުންނަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 'ފަހިވޯޓު' މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖައްސައިދެވޭނެ ކަމަށާއި އެ މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6:00ގެ ކުރީން އަންގާނެ ކަމަށް ވެސް އެ ކުންފުނީންް ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް ރަޖިސްޓަރު ވެވޭނީ އުރީދޫގެ ހެޑް އޮފީހުން ކަމަށެވެ. އަދި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރެޓީސް ޑިޕޮސިޓަރީ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް ޑީއެމްއެސްޑީގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް 'ފަހިވޯޓު' މެދުވެރިކޮށް ކަމަށެވެ.
އޭޖީއެމްގެ އެޖެންޑާއާއި އޭޖީއެމްއާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު https://www.ooredoo.mv/investors މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި އަހަރުގެ އޭޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ 18ވީ އަންގާރަ ދުވަހުގެ މެންދުރު 14:00އާއި ހަމައަށް އުރީދޫގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އެކަނި ކަމުގައި އުރީދޫއިން ވަނީ ބުނެފައެވެ.
އަދި އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތަކަށް އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެެވެ.
އޭޖީއެމްގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ އޮންލައިން ސިސްޓަމް 'އިންފިނިޓީ' https://infinity.mv/ މެދުވެރިކޮށް ރަޖިސްޓަރުކުރުމަށް އުރީދޫއިން ވަނީ އެދިފައެެވެ.