ދަރަވަންދޫ ފުޓްސަލް: ނިއު ސްޕީޑު ފެށުން ރަނގަޅުކުރިއިރު، ކިންގްސް ޔުނައިޓެޑަށް ވެސް މޮޅެއް

ދަރަވަންދޫ ފުޓްސަލް މެޗުގެ ތެރެެއިން -- ސަން ފޮޓޯ

ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2023 ގައި، ނިއު ސްޕީޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރި އިރު ދެ ކިންގްސްގެ ކުރިމަތިލުން ކާމިޔާބުކޮށް ކިންގްސް ޔުނައިޓެޑް ފުރަތަމަ މޮޅު ހޯދައިފިއެވެ.

ރޭ ކުޅުނު ފުރަތަމަ މެޗު ނިއު ސްޕީޑް ކާމިޔާބުކުރީ އަލްބަޓްރޯސް ޖޫނިއާސްއާ ބައްދަލުކޮށެވެ. މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމު، އަލްބަޓްރޯސް ޖޫނިއާސްގެ މައްޗަށް ނިއު ސްޕީޑް ކުރި 5-1 އިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލްބަޓްރޯސް ޖޫނިއާސްއިންނެވެ. މި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޖަހައިދިނީ އަހުމަދު އާހިލް އިސްމާއިލް ނަސީރެވެ. އަލްބަޓްރޯސްއިން ލީޑު ނެގިތާ ދެ މިނެޓު ފަހުން ނިއު ސްޕީޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް ވިއާމް (ޕަބްލޯ)އެވެ. ވިއާމް ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފައެވެ.

މީގެ އިތުރުން، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހައްސާން ރަޝާދް (ޗައްލި) ވަނީ ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑުގައި އެސިސްޓް ކޮށްދީފައެވެ. ނިއު ސްޕީޑްގެ ފަސްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހުބާން (ކޮކީ)އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސުޕަ ކިންގްސްއާއި ކިންގްސް ޔުނައިޓެޑެވެ. މި މެޗު ކިންގްސް ޔުނައިޓެޑް ކާމިޔާބުކުރީ 4-1 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ސްލޯ ގޭމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބުނުކުރެވިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ކިންގްސް ޔުނައިޓެޑަށް ޖަހައިދީ ފުޓްސަލްގެ މަޝްހޫރު ތަރި ހުސެއިން ޝަރީފް (އޮންލީ)އެވެ. އޭގެ ހަ މިނެޓު ފަހުން ޔުނައިޓެޑްގެ ދެވަނަ ލަނޑު ހައްސާން ނާސިކް (ނާއްކޮ) ކާމިޔާބުކޮށްދިންއިރު ސުޕަ ކިންގްސްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ދިހަވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓޭ)އެވެ. މިއީ މި މުބާރާތުގައި ފާއްޓޭ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ދަރަވަންދޫ ފުޓްސަލް މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ
ކިންގްސް ޔުނައިޓެޑުން މި މެޗުގައި ޖެހި ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ސާމިޙް އަލީ ޝަރީފް (ސާމިއްޓޭ) އާއި އަޝްހަމް އަހުމަދު (އައްޓި)އެވެ. މެޗުގައި ސާމިއްޓޭ ޖެހި ލަނޑާ އެކު އޭނާ ވެސް ވަނީ ޖުމަލް ހަތަރު ލަނޑު މި މުބާރާތުގައި މިހާތަނަށް ހަމަކޮށްފައެވެ.

މި ނަތީޖާއާ އެކު ކިންގްސް ޔުނައިޓެޑް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ތާވަލުގެ ކުރިއަށް ވަގުތީ ގޮތުން ޖެހިލައިފައެވެ. އެހެންނަމަވެސް މިރޭ އެންމެ ފަހުގެ ޗެމްޕިއަނުން ފެލްކަން ޔުނައިޓެޑް އާއި ނިއު ސްޕީޑް ބައްދަލުކުރާ މެޗު ކާމިޔާބުކުރާ ޓީމެއް އެއްވަނައަށް އަރާނެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗުގައި އަލްބަޓްރޯސް ޖޫނިއަސް ނުކުންނަނީ ޔުނައިޓް މަލަންމަގާ ދެކޮޅަށެވެ.

ޖުމްލަ ހަ ޓީމު ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. ފައިނަލްގައި ލީގު ބުރުގެ އެއްވަނައަށްދާ ޓީމާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ދަރަވަންދޫ ޒުވާނުންނަށް އަމާޒުކޮށް ކޮންމެ އަހަރަކު ވެސް ދަރަވަންދޫ ކައުންސިލުން ބާއްވަމުންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ދެވަނައަށްދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެއެވެ.

comment ކޮމެންޓް