ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2023ގެ ފުރަތަމަ މެޗު ސުޕާ ކިންގްސް ކާމިޔާބުކުރިއިރު އެންމެ ފަހުގެ ޗެމްޕިއަނުންނާއި ރަނަރަޕް ބައްދަލުކުރި މެޗު ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ދަރަވަންދޫ ފުޓްސަލް ދަނޑުގައި ރޭ ފެށިގެންދިޔަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ސުޕާ ކިންގްސް ބައްދަލުކުރީ ޔުނައިޓް މަލަންމަގު އާއެވެ. މި މެޗު ސުޕާ ކިންގްސް ކާމިޔާބުކުރީ 7-1 އިންނެވެ.
ދަރަވަންދޫ ޒުވާނުންނަށް ހާއްސަކޮށްގެން ރަށު ކައުންސިލުން ބާއްވާ މި މުބާރާތުގެ ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިގޮތުން ސުޕަރ ކިންގްސްއަށް ގެނައި ރަށުން ބޭރު ކުޅުންތެރިއާ މުހައްމަދު ފާސިރު (ފާއްޓޭ) ވަނީ މިމެޗުގައި ހަތަރު ލަނޑު ޖަހާފައެވެ.
މި މެޗުގެ ފުރަތަމަ ދެ ލަނޑު ފާއްޓޭ ޖަހައިދިނީ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައެވެ. ފާއްޓޭގެ ފުރަތަމަ ދެ ލަނޑު ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ހަތް މިނެޓުގެ ތެރޭގައެވެ.
ފާއްޓޭގެ އިތުރުން ހަސަން ސަފޫޙް (ގޮއްބެ) ވަނީ ދެ ލަނޑު ޖަހާދީފައެވެ. މީގެއިތުރުން އެ ޓީމުގެ އިސްމާއިލް އަޒުހަރު (އަޒޭ) ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
ޔުނައިޓް މަލަންމަގު ޓީމުން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މިރުޝާލް މުހައްމަދު (މިރޫ)އެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ފައިނަލްގައި ބައްދަލުކުރި ދެޓީމެވެ.
ކިންގްސް ޔުނައިޓެޑް އާއި ފެލްކަން ޔުނައިޓެޑް ބައްދަލުކުރި މިމެޗު ނިމިގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު ޓީމަކަށް ޕޮއިންޓެއް ލިބިގެންނެވެ.
މި މެޗުގައި ފުރަތަމަ ހާފްގެ ކުރީކޮޅު ކިންގްސް ޔުނައިޓެޑް ދެ ލަނޑު ޖަހާ ރަނގަޅު ލީޑެއްނެގިއެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފެލްކަންއިން ވަނީ ދެ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަކުރިއެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް މި މެޗުގެ ދެވަނަ ހާފްގައިވެސް ފެނިގެންދިޔައީ އެއްކަހަލަ މަންޒަރުތަކެކެވެ. ދެވަނަ ހާފްގައިވެސް ކުޅެންނިކުމެ ކިންގްސް ޔުނައިޓެޑް އިތުރު ދެލަނޑު ޖަހާ އަލުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. އެހެންނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން ފެލްކަން ޔުނައިޓެޑް ވަނީ މެޗުގެ އެންމެ ފަހު ދެ މިނެޓުގެ ތެރޭގައި ދެލަނޑު ޖަހާ މެޗުގެ ނަތީޖާ ހަތަރެއް ހަތަރަކަށް ބައްދަލުކޮށްލިއެވެ.
މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކިންގްސް ޔުނައިޓެޑުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިދިން ޓީމުގެ ކެޕްޓަން ސާމިޙް އަލީ ރަޝީދެވެ.
ޖުމްލަ ހަ ޓީމް ވާދަކުރާއިރު މިމުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. ފައިނަލްގައި ލީގު ބުރުގެ އެއްވަނައަށްދާ ޓީމާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބ.އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާޙްއެވެ.
ދަރަވަންދޫ ޒުވާނުންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ދަރަވަންދޫ ކައުންސިލުން ބާއްވަމުންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ދެވަނައަށްދާ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ރަށު ކައުންސިލްގެ ފަރާތުން ވަނީ ދިނުމަށް ނިންމާފައެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަކުލުކުރާނީ ނިއު ސްޕީޑް އާއި އަލްބަޓްރޯސް ޖޫނިއާސްއެވެ. އަދި ދެވަނަ މެޗުގައި ސުޕާ ކިންގްސް ނިކުންނާނީ ކިންގްސް ޔުނައިޓެޑް އާ ދެކޮޅަށެވެ.