އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް އިންޓަ މަޔާމީއާ ގުޅެން އުޅޭ ވާހަކަތަކަށް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ކްރިސް ހެންޑަސަން ޖަވާބުދީފިއެވެ.
އިންޓަ މަޔާމީން އަހަރު ނިންމާލުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހެންޑަސަނަށް ވަނީ ސުއަރޭޒްއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލުތަކެއް އަމާޒުވެފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ހެންޑަސަން، ނޫސްވެރިންނަށް މާ ބޮޑު ތަފްސީލެއް ދީފައެއް ނުވެއެވެ.
"ސުއަރޭޒްއަކީ މިވަގުތު ގްރެމިއޯގެ ކުޅުންތެރިއެއް. އެހެންވީމާ މިވަގުތު އަހަރެމެންގެ ޓީމުގައި ނެތް ކުޅުންތެރިޔަކާ ގުޅޭގޮތުން މާބޮޑު ވާހަކައެއް ދައްކަން ބޭނުމެއް ނޫން. ސުއަރޭޒްއަކީ އަބަދުވެސް އަހަރެމެންނާ ގުޅުން އޮންނަ ކުޅުންތެރިއެއް،" އިންޓަ މަޔާމީގެ ސްޕޯޓިން ޑިރެކްޓަރު ހެންޑަސަން ބުންޏެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އިންޓަ މަޔާމީއާ ގުޅުމަށް އުމުރުން 36 އަހަރުގެ ފޯވަޑް ސުއަރޭޒް ވަނީ އެއްބަސްވެފައެވެ. އެ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް އިތުރު އެއް ސީޒަނަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސުއަރޭޒް، ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގްރެމިއޯއާ ގުޅުނު ނަމަވެސް، މިހާރު އޭނާ ވަނީ އަންނަ މަހުގެ ތެރޭގައި އެ ކޮންޓްރެކްޓް ނިމުމަކަށް ގެންނާނެކަން އިއުލާންކޮށްފައެވެ.
އިންޓަ މަޔާމީއަކީ ސުއަރޭޒް، ބާސެލޯނާގައި ހޭދަކުރި ދުވަސްވަރުގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަދި ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ ކުޅޭ ކްލަބެވެ. ސުއަރޭޒްގެ ގާތް އެކުވެރިޔާ މެސީއާއެކު އަލުން ކުޅުމަށް އިންޓަ މަޔާމީއަށް ގުޅެން އުޅޭ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.