ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ދެން އޮތީ ހުކުމްކުރުން

ހައިކޯޓުގައި ކުރިއަށް ދިޔަ ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުން --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ނިންމައިލައި، ދެން އޮންނާނީ ހުކުމްކުރުންކަމަށް ޝަރީއަތުން ބުނެފިއެވެ.

މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ ދަށު ކޯޓުން ކޮށްފައިވާ ޙުކުމާއި، ހައިކޯޓުގައި ވަކާލާތުކުރެވުނު ކަންތައްތަކާ ގުޅޭގޮތުން ދައުލަތުންނާއި ދައުވާ ލިބޭ ފަރާތުން ފަހު ބަސް ބުނުމެވެ.

އެގޮތުން ޝަރީއަތުން ވަނީ ދަށު ކޯޓުގެ ހުކުމުގައި ހިމެނޭ ދެ ގަޒިއްޔާއަކަށް ފަހު ބަސް ބުނުމަށް ދެ ފަރާތަށް ވެސް ވަގުތު ދީފައެވެ.

https://sun.mv/184625

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވަމުން ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅައިދިނުމަށެވެ.

އަޑުއެހުމުގައި ފަހު ބަސް ހުށަހަޅަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ދަށު ކޯޓުގެ މަރުހަލާގައި ފަނޑިޔާރު ހެކި ބަލައިގަތީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާ ޚިލާފަށްކަމަށެވެ.

އަދި ދައުލަތަށް ވެސް ހުށަހެޅި އެއްވެސް ކަމެއް ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"ދަށު ކޯޓުގެ ފަނޑިޔާރުގެ ސަބަބުވެރި ވިސްނުމުގެ މިންގަނޑާއި ހެކި ކޮރޮބޮރޭޓްކުރުމާއި ހެކި ބަލައިގަތުމުގެ މިންގަނޑުވަނީ އިސްލާމީ ޝަރީއަތާއި ގާނޫނާއި ޚިލާފަށްކަމަށް ފާހަގަކުރެވޭ. މިއީ އިސްތިއުނާފްކުރާ ފަރާތުން ކުރި ކުށެއް ނޫން. އެ ފަދަ އެންމެ ހެއްކެއް ވެސް ދައުލަތުން ދެއްކިފައި ނުވޭ މި މައްސަލައިގެ ތެރޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

އެހެންވެ ރައީސް ޔާމީންގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްދިނުމަށެވެ.

ޔޫސުފް ނައީމްގެ ފަރާތުން ވެސް އެދިފައިވަނީ ހައިކޯޓަށް ހުށަހެޅުނު ކަންކަމާއި ބަހުސްތަކަށް ރިއާޔަތްކޮށް އަދުލުވެރި ނިންމުމެއް ނިންމައިދިނުމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ނަމަވެސް ހުކުމް ކުރާނެ ވަކި ތާރީޚެއް ފަނޑިޔާރުން ފާހަގަނުކުރައްވައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.

ހަމަ އެ މައްސަލައިގައި ޔޫސުފް ނައީމަށް ވެސް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

comment ކޮމެންޓް