ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިމުމަކާ ގާތްވެއްޖެއެވެ.
އެންމެ ފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދިފާއީ ވަކީލުންވަނީ އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކުރި ގޮތުން، ދައުވާ އުފުލައިފައިވާ ކުރީގެ ރައީސް ޔާމީނާއި، ޔޫސުފް ނައީމްގެ ގިނަ ހައްގުތަކެއް ގެއްލުނުކަމަށް ވިދާޅުވެފައެވެ.
މިއަދުގެ އަޑުއެހުމުގައި، ދިފާއީ ވަކީލުން އޭގެ އެއް ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ޝަރީއަތަށް، ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުމުން ދައުލަތުން އާ ހެކިތަކެއް ހުށަހެޅުމެވެ.
އެއިރު ދައުލަތުން ހުށަހެޅީ ރައީސް ޔާމިންގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައެޅި އަޙްމަދު ނަރީޝްގެ ހެކިބަހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވި ހެކިބަސް ނަފީކުރަން ހުށަހެޅި ހެކިތަކެކެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން މައިގަނޑު ގޮތެއްގައި ވާހަކަތައް ބައްޓަންކުރީ އެ ހެކީގެ ސަބަބުން ދިފާއަށް ލިބުނު ގެއްލުމާ ގުޅޭގޮތުންނެވެ. އަދި، ޝަރީއަތުންވަނީ އެ ހެކިތައް ދަށު ކޯޓު މަރުހަލާގައި ހުށަހެޅިއިރު ކަން ހިނގި ގޮތް ސާފުކުރުމަށްޓަކައި ދައުލަތުގެ ވަކީލުންނަށާއި ދިފާއަށް ސުވާލު އަމާޒުކޮށްފައެވެ.
ޔޫސުފް ނައީމްގެ ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ އާ ހެއްކެއް ހުށަހަޅަން ޝަރީއަތުން ފުރުސަތު ދޭންވާނީ ޚުލާސާ ބަޔާން އިއްވުމަށް ފަހު ކަމަށެވެ.
އެ ހެކި ބަލައިގަނެ ޝަރީއަތުގެ ރެކޯޑުގައި ހިމެނުމާމެދު ފަނޑިޔާރު ގޮތެއް ނިންމަވާނީ މަސްލަހަތާމެދު ގޮތެއް ނިންމައިފައިކަމަށް ހަމްޒާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ދިގުދެމުނު އަޑުއެހުމަށްފަހު މިއަދުގެ އަޑުއެހުން ޝަރީއަތުން ނިންމައިލީ ޝަރީއަތުން ސާފުކުރަން ބޭނުންވާ ހުރިހާ ކަމެއް އޮޅުންފިލުވުމަށް ފަހުގައެވެ.
ދެން އޮންނާނީ ފަހު ފުރުސަތު އެރުވުމުވެ. އިސްތިއުނާފު ކުރާ ފަރާތާއި ދައުލަތަށް ވެސް 30 މިނެޓް ލިބޭނެއެވެ. އެެއަށް ފަހު ދެ ގަޒިއްޔާއަކަށް ފަހު ބަސް ބުނުމަށް ދެ ފަރާތަށް ވެސް އެއްގަޑިއިރުގެ ވަގުތު ލިބޭނެއެވެ. ހުކުމް ކުރުން އޮންނާނީ އެއަށް ފަހުގައެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
ހަމަ އެ މައްސަލައިގައި ޔޫސުފް ނައީމަށް ވެސް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.