ޣައްޒާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފްރާންސުން ހަނގުރާމަ މަތީ މަނަވަރު ފޮނުވަނީ

ޣައްޒާއަށް ސިއްހީ އެހީ ހިފައިގެން ދާ ފްރާންސްގެ މަނަވަރު. ފޮޓޯ/ އަހްރަމް އޮންލައިން

ޣައްޒާއަށް ސިއްހީ އެހީތެރިކަން ފޮރުކޮށްދިނުމަށް މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށް ހަނގުރާމަ މަތީ މަނަވަރެއް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ފްރާންސުން ބުނެފިއެވެ.

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮންގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާ ފެށޭއިރު، މަނަވަރުގެ ދަތުރު ފަށާނެއެވެ. އަދި ދެތިން ދުވަހުގެ ތެރޭގައި މިސްރަށް ވަންނާނެއެވެ.

މަނަވަރުގެ އިތުރުން 10 ޓަނަށް ވުރެ ގިނަ ސިއްހީ ފަރުވާދޭ ސާމާނު އުފުލާ ޗާޓަރު ފްލައިޓެއް ވެސް މި ހަފުތާ ޣައްޒާއަށް ފޮނުވުމަށް ރާވަމުން އަންނަ ކަމަށް ފްރާންސުން ބުންޏެވެ.

މިދިޔަ މަހު 23 އާއި 30 ގައި ޔޫރަޕުންވެސް ވަނީ ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ޣައްޒާއަށް ފޮނުވާފައެވެ.

އަދި ފްރާންސްއިން އަންނަނީ ޣައްޒާ ސިޓީން ކުއްލި ފަރުވާ ބޭނުންވާ ކުދިން ހޮސްޕިޓަލްތަކަށް ގެންދިއުމުގައިވެސް ލިބިފައިހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެހީތެރިވަމުން ކަމަށްވެސް މެކްރޮންގެ އޮފީހުން ހާމަކުރެއެވެ.

ޣައްޒާގައި ހަމާސްއިން ހިފަހައްޓާފައިވާ އަސީރުން މިނިވަން ކުރުމަށް ކުރިއަށްދާ މަޝްވަރާތަކާ ބެހޭ ގޮތުން މެކްރޮން ވަނީ ހޮނިހިރު ދުވަހު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމާދު އަލް ޘާނީ އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ މަޝްވަރާކުރައްވާފައެވެ.

އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ވަންނަ ޓްރަކްތަކުގެ އަދަދު އިތުރުކޮށް އެހީ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި ޣައްޒާއިން ޒަހަމްވާ މީހުންނަށް ފަރުވާދިނުމަށްވެސް ފްރާންސްގެ ރައީސް އާއި މިސްރުގެ ރައީސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އޮކްޓޫބަރު މަހު 7 ވަނަ ދުވަހުފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ އިސްރާއީލުން އަންނަނީ ފަލަސްތީނުގެ އާންމުންނަށް ހަމަލާތައް ދެމުންނެވެ. އަދި ހަމާސް ވުޖޫދުން ނައްތާލާނެ ކަމަށްވެސް އިސްރާއީލުން އަންނަނީ ބުނަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 12،300 މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި 5000 ށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

comment ކޮމެންޓް