ކެޓްރީނާ ކައިފްގެ އައިޑޮލް އަކީ ކަރީނާ ކަޕޫރު

ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ކެޓްރީނާ ކައިފް

ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ކަރީނާ ކަޕޫރަކީ ކެޓްރީނާ ކައިފް ނަމޫނާއަކަށް ބަލައި ފިލްމީ ތަރިއެއް ކަމަށް ކެޓްރީނާ ބުނެފިއެވެ.

ފިލްމު އިންޑަސްޓްރީއިން ކުރިމަތިވާ ތަފާތު އެކި ޕްރެޝާތަކުން ސަލާމަތްވުމަށް ދުރަށް ދިޔުމަށް ވަރަށް ގިނަ ފަހަރަށް ކަރީނާގެ އަމިއްލަ ފިލްމީ ކެރިއަރުގައި ޢަމަލުކޮށްފައި ހުރި ކަންތައްތަކުން ހިތްވަރު ލިބިގަންނަ ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް އައި ފިލްމު "ޓައިގާ3"އަށް ލިބެމުންދާ ކާމިޔާބީތަކާ ގުޅޭގޮތުން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ، ކަރީނާ އަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ކަރީނާ އޭނާގެ އަމިއްލަ ނަފުސު ބަލައިގަތުމާ އަމިއްލަ ދުޅަހެޔޮކަމަށް އިސްކަންދޭ ފަލްސަފާއިން ކެޓްރީނާއަށް ވަރަށް ހިތްވަރު ލިބޭ ކަމަށެވެ.

މީގެ ކުރިން ޕްރޮޑިއުސަރުންނާއި ފިލްމު އުފައްދާ ކުންފުނިތަކުން އަންނަ ޕްރެޝަރާ ހެދި ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރި ނަމަވެސް މިހާރު އެކަންކަމަށް ސަމާލުކަން ނުދޭކަމަށް ވިކީ ކޯޝަލްގެ އަންހެނުން ވަނީ ބުނެފައެވެ.

ކެޓްރީނާ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ފަހުގެ ޖީލުތަކުން ބޮލީވުޑަށް ތަޢާރަފުވި ވަރަށް ގިނަ ޒުވާނުންގެ މެދުގައި ކަރީނާ އަކީ މަގުބޫލު ބަތަލާއެކެވެ. އަދި، ކެޓްރީނާ އާއި ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ލޯބީގެ ގުޅުން އޮތް ދުވަސްވަރު ކެޓްރީނާއަކީ ކަރީނާގެ އާއިލާގެ މެންބަރުންނާ ވަރަށް ގާތް ގުޅުމެއް އޮތް ބަތަލާ އެކެވެ.

ކެޓްރީނާ ކައިފް ބަތަލާ ކަރީނާ ކަޕޫރު އަދި ކަރިޝްމާ ކަޕޫރާ އެކު --
ޢުމުރުން 40 އަހަރުގެ ބަތަލާގެ މި އިންޓަވިއުގައި، އަމިއްލަ ނަފުސު ބަލައިގަތުމާއި އަމިއްލަ އުފަލަށް އިސްކަން ދިނުމަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގެ ވެސް ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަންކަން ކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ކެޓްރީނާގެ ފިލްމެއް އެންމެ އަވަހަށް ބެލުންތެރިންނަށް ދެން ފެންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހު 12ވަނަ ދުވަހުއެވެ. ކެޓްރީނާއާއި ސައުތު ސިނަމާގެ ފިލްމީ ތަރި ވިޖޭ ސެތޫޕަތި ލީޑު ރޯލު ކުޅެފައިވާ ތުރިލާ ފިލްމަކީ "މެރީ ކްރިސްމަސް"އެވެ. މި ފިލްމަކީ މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޓިޕްސް ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް