ދެ ހަފުތާ ތެރޭ 6 ލައްކަ ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކޯޓުން ހުކުމްކޮށްފި

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިއްޔެ އިން ފެށިގެން ކުރިއަށް އޮތް 14 ދުވަސްތެރޭ، ގުޑް ވޯކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ހަލައްކަ ރުފިޔާ ދައްކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ގުޑް ވޯކްސް މޯލްޑިވްސްއާއި ޕީއެސްއެމްއާ ދެމެދު، އެ ކުންފުނީގެ ޓީވީ އަދި ރޭޑިއޯ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ގުޑް ވޯކްސްއަށް ދޭންޖެހޭ ފައިސާ ޕީއެސްއެމުން ދީފައިނުވާތީ ދައުވާކޮށްފައިވާ މައްސަލައެކެވެ.

އެއްބަސްވުމުގައި ވާގޮތުން ނަމަ ޕީއެސްއެމުން 629،375 ރުފިޔާ ގުޑް ވޯކްސްއަށް ދައްކަން ޖެހެއެވެ.

އެ ފައިސާ ދައްކައިފައި ނުވާތީ ގުޑް ވޯކްސްއިން ސިވިލް ކޯޓުގައި އެދުނީ އެ ފައިސާ ހަތް ދުވަސް ތެރޭ ސިވިލް ކޯޓަށް ޖަމާކުރުމަށް ޕީއެސްއެމްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މީގެ އިތުރުން އެ ފައިސާ ނުދެއްކުމުގެ ސަބަބުން ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި އެ ކުންފުނިން ޚަރަދުކުރަންޖެހޭ 25،000 ރުފިޔާއާއި ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހިނގާ އެންމެހާ ފައިސާ ޕީއެސްއެމްގެ ކިބައިން ހޯދުމަށް ވަނީ އެދިފައެވެ.

މި މައްސަލާގައި ދައުވާ ލިބޭ ފަރާތް ކަމަށްވާ ޕީއެސްއެމުން ވަނީ މިދިޔަ ޖުލައި މަހު ދައުވާ ފޯމާ ހަވާލުވެ، އެ ފޯމުގައި ދައުވާގެ ދިފާއު ހުށަހެޅުމަށް މުއްދަތު އިތުރުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ ކުންފުނިން ވަނީ އެއްބަސްވުމުގައިވާ ހަ ލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށް އެއްބަސްވެފައެވެ.

ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން ފައިސާ ދޫކުރާނީ ކޮންމެ މަހަކު ވެސް މަސައްކަތް ބަލައި ތައްޔާރުކުރެވޭ ޕާފޯމަންސް ރިޕޯޓުގެ މަތިންކަން އެނގެން އޮވެއެވެ.

އެއަށް ރިއާޔަތްކޮށް ޕީއެސްއެމުން ވަނީ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދިޔަ ސެކިއުރިޓީ ޚިދުމަތް ގަވައިދާ އެއްގޮތަށް ދީފައިނުވާކަން ފާހަގަކޮށްފައެވެ.

އެއާއެކު ސިވިލް ކޯޓުން އިއްޔެވަނީ އެ މައްސަލައިގައި 14 ދުވަސްތެރޭ އެއްފަހަރާ އެ ކޯޓަށް ހަލައްކަ ރުފިޔާ ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފައެވެ.

މީގެ ކުރިން ވެސް ޕީއެސްއެމުން ފައިސާ އަނބުރާ ނުދައްކާތީ އެކި މައްސަލަތަކުގައި އެކި ކުންފުނިތަކުން ވަނީ އެ ކުންފުނީގެ މައްޗަށް ދައުވާ އުފުލައިފައެވެ.

comment ކޮމެންޓް