މައްސަލަ ހައްލުވެ އިސްތިއުފާ ދިނުމުގެ ވިސްނުން ފުއާދު ދޫކޮށްލައްވައިފި

12 ޖުލައި 2023: އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި އޭނާއާ މެދު ހުރި މައްސަލަތައް ހައްލުވެ، މިހާރު ހާލަތު ރަނގަޅުވެފައިވާ ކަމަށާއި އެހެންވެ އިސްތިއުފާ ދިނުމުގެ ވިސްނުން ދޫކޮއްލައްވައިފި ކަމަށް, އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

އީސީގެ ތިން މެންބަރުން ޖެއްސުން ކުރައްވާ ކަމަށް ވިދާޅުވެ، އިސްތިއުފާއާ މެދު ވިސްނަވަމުން އަންނަ ކަމަށް، އިއްޔެ ފުއާދު ވިދާޅުވެފައިވެއެވެ.

މި ކަމާ ގުޅޭ ގޮތުން މިރޭ ފުއާދު ''ސަން''އަށް ވިދާޅުވީ، މި ދެ ދުވަހުގެ ތެރޭގައި ހުރިހާ ކަމެއްހެން މިހާރު ހައްލުވެފައިވާކަމަށެވެ. އަދި އެއްވެސް ކަހަލަ އުނދަގުލަކާ ކުރިމަތިލާން މިހާރު އޭނާއަށް ނުޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކުރީކޮޅު އިސްތިއުފާ ދޭން ގޮވައިލުމުން، ކޮމިޝަންގެ ތެރޭ އޭރު އޮތް ހާލަތު ރަނގަޅު ނުވާނަމަ ރިޔާސީ އިންތިޚާބަށްފަހު އިސްތިއުފާ ދިނުމަށް ނިންމެވިކަމަށެވެ.

ނަމަވެސް މިހާރު އެ ހާލަތު ރަނގަޅުވުމުން އިސްތިއުފާ ދިނުމުގެ ޚިޔާލެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އުންމީދުކުރައްވަނީ ކުރިއަށް ހުރި ދުވަސްތަކުގައި ހުރިހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ހުރިހާ މެންބަރުން ވެސް މަސައްކަތުގައި އެއްބާރުލުން ދެއްވާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ފަސް މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ތިން މެންބަރުންގެ މެދުގައި ފުއާދާ އޮތް ގުޅުން ގޯސްވީ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރި މަރުހަލާގެ ތެރޭގައެވެ.

އެ ޕާޓީ ރަޖިސްޓްރީކޮށް ދިނުމާމެދު މެންބަރުގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި ޕްރޮސެސް ލަސްވެގެންދިޔައެވެ. އޭރު ތުހުމަތު ކުރީ ފުއާދު ޑިމޮކްރެޓްސް ކޮޅަށް ހުންނަނީ ކަމަށެވެ.

ފުއާދާ ދެކޮޅަށް ކޮމިޝަންގައި މަސައްކަތްކުރެއްވި މެމްބަރުންނަކީ ޑރ. މުހައްމަދު ޒާހިރާއި އަލީ ނަޝާތުގެ އިތުރުން މުޙައްމަދު އާސިފެވެ.

ރިޔާސީ އިންތިޚާބާ ކުރިމަތިވިއިރު މެންބަރުގެ ތެރޭގައި މި މައްސަލަ ބޮޑުވެފައި އޮތް ނަމަވެސް އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް އަމާންކޮށެވެ.

comment ކޮމެންޓް