ބޭރު ފައިސާ ނުލިބިއްޖެ ނަމަ އިޤުތިޞާދަށް ލޮޅުމެއް އަރާފާނެ: މާލީ ވަޒީރު

މާލީ ވަޒީރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި -- ފޮޓޯ/ މަޖިލިސް

މި އަހަރުގެ ބާކީ ބައިގައި ހޯދަން ޖެހޭ 200 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު ވެސް އާ ސަރުކާރުން ފަށާފައިވާ ކަމަށާއި އެކަމަކު، އެ އަދަދަށް ފައިސާ ނުލިބިއްޖެ ނަމަ އިޤުތިޞާދަށް ލޮޅުމެއް އަރާފާނެ ކަމަށް އަލަށް ހަވާލުވެލެއްވި މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓުގައި އަންދާޒާ ކުރާ މިންވަރަށް ބޭރުގެ ހިލޭ އެހީ ފާއިތުވި އަހަރުތަކުގައި ލިބިފައެއް ނުވެއެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ލިބޭނެ ކަމަށް އަންދާޒާކުރި ބޭރު ފައިސާގެ 80 އިންސައްތަ ލިބިފައެއް ނުވެއެވެ.

މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާކުރި 200 މިލިއަން ޑޮލަރު ވީހާ ވެސް އަވަހަށް ހޯދައި، އަންނަ އަހަރަށް އަންދާޒާ ކުރި 550 މިލިއަން ޑޮލަރު އެ އަހަރުގެ ވީހާ ވެސް ކުރީކޮޅު ހޯދަންމަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވެސް ވަނީ ސަރުކާރަށް ލަފާ ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ވަޒީރު ވިދާޅުވީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ބޭރުގެ ގައުމުތަކުގެ ބޭބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަޖެޓު ސަޕޯޓުގެ ކަންކަމަށް އެދިލައްވާފައިވާ ކަމަށެވެ. އަދި، ގިނަ ގައުމުތަކުން ވަރަށް އެދެވޭ ޖަވާބުތަކެއް އެރުވި ކަމަށާއި އެކަމަކު އެއްވެސް ކަމެއް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބައެއް ގައުމުތަކުން ވަރަށް ރަނގަޅު ރެސްޕޮންސެއް ލިބިފައިވަނީ. އެކަމަކު، ޔަގީންކޮށް އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ. އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަކަށް ދެ މަސް ތެރޭގައި ރަނގަޅު އިންފްލޯއެއް ލިބިގެން، ޓާގެޓު ކުރަން ޖެހިފައިވަނީ ވެސް 200 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އިންފްލޯއެއް ގެނައުމަށްޓަކައި،" ޝަފީގު ވިދާޅުވިއެވެ.

"ނުގެނެވިއްޖެ ކަމަށްވަންޏާ ކުރީގައި ގަވަރުނަރު ވެސް ފާހަގަ ކުރެއްވި ގޮތަށް އިކޮނަމީއަށް ހަމަ ލޮޅުމެއް އެރުމަކީ ވަރަށް އެކަށިގެންވާ ކަމެއް،"

https://sun.mv/184956

ވަޒީރު ވިދާޅުވީ، އިޤުތިޞާދީ ހާލަތުގެ ސަބަބުން ބައެއް މަޝްރޫއުތައް މަޑުޖައްސައިލަން ވެސް ވިސްނަން ޖެހިފައިވާ ކަމަށެވެ.

އެހެންވެ، މަޝްރޫއުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، މިހާރު ފައިސާ ހަމަނުޖެހި ހުރި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

އެމްއެމްއޭއިން ވެސް ދިން ބަޖެޓު ލަފާގައިވާ ގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ވަކި ވަރެއްގައި ހިފެހެއްޓުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭރުގެ ފައިނޭންސިން ވަނީ ކޮންމެހެން ހޯދަން ޖެހިފައެވެ.

އެކަމަކު، ފައިސާ ނުލިބުމުގެ ފުރުސަތު ބޮޑުކަމުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާ ވެސް އަވަހަށް އަޅަން އެމްއެމްއޭއިން ވަނީ ލަފާ ދީފައެވެ.

އަންނަ އަހަރު ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ އެންމެނަށް ލިބޭ ކަރަންޓާއި ތެލާއި ކާޑު އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި، އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި، ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމެވެ. އަދި، އާސަންދައިގެ ނިޒާމުން ކުރާ ހޭދަ ވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުމެވެ.

comment ކޮމެންޓް