ޒަކާތު ހައުސްގެ ނަމުގައި ފަންޑެއް އެކުލަވައިލާ ދައުލަތުގެ ބެލުމުގެ ދަށުން ޒަކާތުން ބައެއް އިންވެސްޓުކޮށް އޭގެ ތެރޭގައި ހިމެނޭ ބެހެނިވެރިންގެ މަސްލަހަތައް ޚަރަދު ކުރަން ހުށަހަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ، ޒަކާތުގެ ހައްގުވެރިންގެ ތެރޭގައި އަށް ބައެއް ހިމެނޭ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ފީސަބީލިﷲ ބައެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފީސަބީލިﷲ ބައިގައި ހިމެނެނީ ﷲ ލޯބިވެވޮޑިގަންނަވާ ހުރިހާ އަމަލެއް. އޭގެ ތެރޭގައި ހައްޖާއި އުމްރާ ވެސް ހިމެނޭ،" އޭނާ ވިދަޅުވިއެވެ.
ޝަހީމް ވިދާޅުވީ، ކުރިއާލާ މަސައްކަތްތަކެއް ކުރެވި މި ފަންޑު މުއްސަނދި ކުރެވުމުން ރައްޔިތުންނަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ހައްޖަށް ވެސް ދެވިދާނެ ކަމަށެވެ.
މި ފަންޑުން ކުރެވޭނެ ޚަރަދުތަކުގެ ތެރޭގައި އިސްލާމީ އިލްމު ފެރުތުމާއި އެހެން މީހުންގެ ހިތްތަކުގައި އިސްލާމް ދީން ޝައުގުވެރި ކުރެވުމަށްޓަކާ މަސައްކަތް ކުރުން ހިމެނޭކަމަށް ޝަހީމް ވިދާޅުވިއެވެ.
"ހުޅަނގުގެ ބޮޑެތި މަޝްހޫރު ޗެނަލްތަކަށް ވެސް އެދެންވީ ހަމަ. ޕްރޮގްރާމް ހަދައިދޭށޭ މިގޮތަށް. އަޅުގަނޑުމެން މި ތިބީ ސްޕެންޑް ކުރާށޭ. ކީރިތި ރަސޫލާގެ ޝަޚްސިއްޔަތާ ބެހޭގޮތުން، އިސްލާމް ފޯބިއާއާ ދެކޮޅަށް އަޅުގަނޑުމެން ޕްރޮގްރާމް ހަދަން ބޭނުމޭ މިއޭ މީގައި ހުންނަން ޖެހޭ ސިފަތަކަކީ،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޒަކާތު ފަނޑެއްގެ ކަންކަން ކުރަން ޖެހޭނީ އެފަދަ ގޮތަކަށް ކަމަށެވެ.
ޝަހީމް ވަނީ ޒަކާތާ ގުޅޭ ގޮތުން ދިރާސާއެއް ކޮށް، "ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވަރު"ގެ ނަމުގައި ފޮތެއް ވެސް ނެރުއްވައިފައެވެ.
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވެލެއްވި ޝަހީމް މީގެ ކުރިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގަޔާއި އޭގެ ފަހުން އުފެދުނު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އެއްބައިގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވިއެވެ.
ޔާމީން ސަރުކާރުގައި އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ހައްޔަރުކުރުމާ ގުޅިގެން ޝަހީމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީއެވެ. އެކަމަކު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ރަނިންމޭޓަކަށް އިޚްތިޔާރު ކުރެއްވީ ޝަހީމެވެ.