ހަތިޔާރަކަށް ފެން ބޭނުން ނުކުރާން އދއިން އިސްރާއީލަށް ގޮވާލައިިފި

ޣައްޒާގެ ބަޔަކު ސާފު ބޯފެން ހޯދުމަށް ކިޔޫގައި -- ފޮޓޯ/ އިރާން ފްރޮންޓު ޕޭޖު

ހަނގުރާމައިގެ ހަތިޔާރަކަށް ފެން ބޭނުންނުކުރާން އދ ގެ ސާފު ބޯފެނާއި ނަރުދަމާއާ ބެހޭ ހާއްސަ ސަފީރު ޕެޑްރޯ އަރޯހޯ-އަގޫޑޯ ގޮވާލައްވައިފިއެވެ.

ޕެޑްރޯ ނެރުއްވި ބަޔާނަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތެޔޮ ނެތުމުގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާއިރު ފެނަކީ ހަތިޔާރަކަށް ނުހެދުމަށް އޭނާ ވަނީ އިސްރާއީލަށް ގޮވައިލައްވައިފައެވެ.

"އިސްރާއީލުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ފެން ބޭނުންކުރުން ހުއްޓައިލާ. އަދި މާ ލަސްވުމުގެ ކުރިން ފެން ސަޕްލައި ނެޓްވޯކް ރަގަޅުކޮށް ސާފު ފެނާއި ތެޔޮ ޣައްޒާއަށް ވެއްދުމަށް ހުއްދަ ދޭން ޖެހޭނެ،" އަރޯޖޯ-އަގުޑޯ އިލްތިމާސް ކުރެއްވިއެވެ.

ޕެޑްރީ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ޣައްޒާގެ ސަރަހައްދުގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ހުއްޓުވާ ކޮންމެ ގަޑިއިރަކީ ޣައްޒާގެ ރައްޔިތުން ކަރުހިއްކައިގަނެގެންނާއި ބަލިމަޑުކަމާހުރެ މަރުވުމުގެ ބިރު ބޮޑުވެގެންދާ ގަޑިއިރެކެވެ.

"ލޯ މައްޗަށް ނުފެންނަ މިފަދަ ހަނގުރާމައިގެ މަރުތަކަކީ ހުއްޓުވިދާނެ ކަންކަން، އަދި އިޒްރޭލުން މިކަން ހުއްޓުވަން ޖެހޭ. ހަނގުރާމައިގެ ހަތިޔާރެއް ގޮތަށް ފެން ބޭނުން ކުރުން އިޒްރޭލުން ހުއްޓާލަން ޖެހޭ،" ޕެޑްރޯ ވިދާޅުވިއެވެ.

ޣައްޒާގެ އާންމު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޣައްޒާއަށް ވައްދަންޖެހޭ ސާމާނު ވައްދަން ހުރަސް އެޅުމަކީ ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު ކަމެއްކަން އިސްރާއީލަށް ހަނދާން ކޮށްދޭން ބޭނުންވާ ކަމަށް ވެސް ޕެޑްރޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޣައްޒާގެ އާބާދީގެ 70 އިންސައްތަ މީހުން މިހާރު ބޯން ބޭނުންކުރަނީ ތަޣައްޔާރުވެފައިވާ ނުސާފު ފެނާއި މޫދު ލޮނުފެން ކަމަށް އދ ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔުއޭ)އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހިންގަމުންދާތާ 43 ވެފައިވާއިރު، ހަމަލާތަކުގައި މިހާތަނަށް 11،630 ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 4،710 ކުޑަކުދިންނާއި 3،165 އަންހެނުން ހިމެނޭއިރު، 31،800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

comment ކޮމެންޓް