އަރަބި ގައުމުތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފި

އިސްރާއީލުގެ ތެލް އަވީވްގެ ވައިގެ ސިފައިން އޮތީ މެދުއިރުމަތީގެ އެކި ހިސާބުތަކަށް ބޮން އަޅައި ހަމަލާދޭން ކޮންމެ ވަގުތެއްގައިވެސް ތައްޔާރަށް ކަމަށް އިސްރާއީލުގެ ވައި ސިފައިންގެ ކޮމާންޑަރު ޓޮމާ ބާ ވިދާޅުވެއްޖެއެވެ.

އެގޮތުން ޔަމަނަށް ހަމަލާދޭން ރާވާފައިވާ ކަމަށްވެސް ޓޮމާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން މިހެން ބުނެފައި މިވަނީ ހޫތީ އަންސާރުالله ގްރޫޕާ ގުޅުން ހުރި ޔަމަނުގެ ހަތިޔާރު އެޅި ސިފައިން އިސްރާއީލުގެ އެކި އަމާޒުތަކަށް ބެލިސްޓިކް މިސައިލްތަކެއް މީގެ ދުވަސްކޮޅެއް ކުރިން ފޮނުވާލާފައިވާނެ ކަމަށް އަންގާރަ ދުވަހުގެ ހަވީރު އިއުލާން ކުރިފަހުންނެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ އޭރު ނެރުނު ބަޔާނެއްގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ އެކި އަމާޒުތަކަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައިވާނެކަން ވަނީ ކަށަވަރުވެސް ކޮށްދެއްވާފައެވެ.

ސާރީ ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލު އަސްކަރިއްޔާގެ ބޯޓުތަކާ މުއާމަލާތްކުރާނެ ގޮތްތައް ރާވަމުން އަންނަ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ޔަމަނުގެ ހަތިޔާރު އެޅި ސިފައިން އިސްރާއީލާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ނުހުއްޓާނެ ކަމަށްވެސް ސާރީ ވަނީ ވިދާޅުވެފައެވެ.

ސާރީ މިހެން ވިދާޅުވެފައިވާއިރު، ރަތް ކަނޑަށް ޔަމަނުން ފޮނުވާލި މިސައިލެއް އެމެރިކާގެ ހަނގުރާމަ މަނަވަރު ޔޫއެސްއެސް ތޯމަސް ހަޑްނާ އިން ވައްޓާލާފައިވާކަމަށް، އެމެރިކާގެ އަސްކަރީ މަރުކަޒު، ޕެންޓަގަންއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް