ބައިނަލްއަޤުވާމީ ބާޒާރަށް ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތަކުން ނަގާ ޓެރިފް ރޭޓު ކުޑަކުރަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ މަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެމެރިކާގެ ވަފުދާ އެކު މަޝްވަރާ ކުރައްވައިފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަރިސް ވަފުދާ އެކު ރައީސް މުއިއްޒު ވަނީ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފައެވެ.
އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނެވީ އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއެވެ.
މި ބައްދަލުކުރެއްވުމުގައި މިހާރު ހިންގަމުންދާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމާއި، މުސްތަގުބަލުގައި ހިންގާ ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް ބައްޓަން ކުރުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސް މުއިއްޒު އެމެރިކާގެ ވަފުދާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތަކުގެ މައުލޫމާތު އެމެރިކާގެ ވަފުދާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަން އާއި ކާރިސާތައް ކުޑަކުރުން އިތުރުކުރުމާއި އާލީ ވޯނިން ސިސްޓަމްތަކުގެ ގާބިލުކަން ހަރުދަނާކުރުން ހިމެނެއެވެ.
ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގްވާމީ ބާޒާރަށް ރާއްޖޭގެ މަސްވެރިކަމުގެ އެކްސްޕޯޓް އުފެއްދުންތަކުން ނަގާ ޓެރިފް ރޭޓްތައް ކުޑަކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ފައިސާ ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން، އިގްތިސާދީ ކުރިއެރުމާއި، ނޭޗާ ޕާކް ހިމާޔަތްކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.
އެއާ އެކު އެމެރިކާގެ ވަފުދުގެ ބޭފުޅުން ވަނީ ރާއްޖެއަށް އަބަދު ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައިސަށް އަރުވައިފައެވެ.