އަންނަ އަހަރުގެ ޔޫރޯއަށް ޑެންމާކް ކޮލިފައިވެއްޖެ

ޑެންމާކް ވަނީ ސްލޮވީނިއާ ބަލިކޮށް ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައި ---ފޮޓޯ/ ސްޕޯޓްސް ބްރީފް

އަންނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތަށް ޑެންމާކް ކޮލިފައިވެއްޖެއެވެ.

މި މުބާރާތުން ޑެންމާކް ޖާގަ ހޯދީ ކޮލިފައިން ގްރޫޕް އެޗްގައި ސްލޮވީނިއާ އާއި ބައްދަލުކުރި މެޗު 2-1 އިން ކޮށްގެންނެވެ. ޑެންމާކްގައި ކުޅުނު މި މެޗުން މޮޅުވެގެން މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދައިވަނީ ޑެންމާކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ ޑެންމާކުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔޯކިމް މައެހްލާއެވެ. ނަމަވެސް މި ލީޑު އެ ޓީމަށް ދެމެހެއްޓޭވަރުވީ ހަތަރު މިނެޓް ވަންދެންނެވެ.

މެޗުގެ 30 ވަނަ މިނެޓްގައި ސްލޮވީނިއާއިންވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެރިކް ޔަންޒާއެވެ. މެޗުން ޑެންމާކް މޮޅުވި ލަނޑު މެޗުގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ތޯމަސް ޑެލޭނީއެވެ. މެޗުގައި އިތުރު ލަނޑެއް ޖެހޭތޯ ދެ ޓީމުން މަސައްކަތް ކުރި ނަމަވެސް އެއްވެސް ހަމަލާއެއް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި ކާމިޔާބީއާ އެކު ޑެންމާކަށް ވަނީ ނުވަ މެޗުން 22 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ތިންވަނައިގައި އޮތް ކަޒަކިސްތާނަށް އެ ޓީމާ އަރާ ހަމަ ނުކުރެވޭނެކަން ޔަގީންވެފައިވުމުން އެ ޓީމު ވަނީ އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވެފައެވެ.

ސްލޮވީނިއާ އަންނަ އަހަރުގެ ޔޫރޯއިން ޖާގަ ހޯދުމަށްޓަކައި ޖެހޭނީ ފަހު މެޗުގައި 21 ވަނަ ދުވަހު އަމިއްލަ ފަސްދަނޑުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ނުވަތަ އެއްވަރު ކުރާށެވެ. ކަޒަކިސްތާނަށް ފުރުސަތު އޮތީ އެ މެޗު ކާމިޔާބު ކޮށްގެންނެވެ.

comment ކޮމެންޓް