ރާއްޖޭގެ ސަލަމާތް ކަށަވަރުކުރަން ބޭނުންވަނީ ވަކި ގައުމެއްގެ އެހީއެއްނޫން، ހުރިހާ ގައުމެއްގެ އެހީ: ޑރ. މުއިއްޒު

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ވަކި ގައުމެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށާއި އެ ކަަމަށް ޓަަކައި ހުރިހާ ގައުމެއްގެ ވެސް އެހީތެރިކަން ބޭނުންވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މީޑިއާއެއްކަމަށްވާ ޗެނަލް ނިއުސް އޭޝިއާ (ސީއެންއޭ)އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ދިވެހި އަސްކަރިއްޔާ އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ. އަދި އިގްތިޞާދީ ގޮތުން ރާއްޖެ ބާރުވެރިކުރުން ކަމަށް ވެސް ވިދާޅުވިއެވެ. އެ މަނިިކުފާނު ވިދާޅުވީ އެ ކަން ކުރެވޭނީ ހުރިހާ ބާރެއްގެ ވެސް އެހީ ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން އެކަމެއް [ވަކި ގަައުމެއްގެ އެހީ] ބޭނުމެއް ނޫން. އެކަަމަށް ބޭނުންވަނީ ހުރިހާ ބާރަކުން ވެސް އެހީ، އެއީ ދިވެހި އަސްކަރިއްޔާ ތަރައްގީކުރުމަށާއި، ދިވެހި އިގްތިޞާދު އާރާސްތުކުރުމަށާއި، ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަލާމަތް ކަށަވަރުކުރަން. އަޅުގަނޑަށް ހީވަނީ މިއީހެން ކުރިއަށްދާންޖެހޭ މަގަކީ. އަދި މިއީހެން ހަމައެކަނި މަގަކީ، މި ކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް އެ ކަމުން ފައިދާވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މި އިންޓަވިއުގައި ވެސް އެ މަނިކުފާނު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހި ރައްޔިތުން ދެކޮޅުކަން ހާމަވާކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭ ދިވެހި ރައްޔިތުން އެ މަނިކުފާނާ މެންޑޭޓެއް ހަވާލުކޮށްފައިވާ ކަމަށާއި އެއީ ބޭރުގެ ސިފައިން ރާއްޖެއިން ބޭލުވުން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ އިންޑިއާ ކަމުގައިވީ ނަމަވެސް ނުވަތަ އެހެން ގައުމެއްގެ ސިފައިން ވިޔަސް އަޅުގަނޑުމެންނަށް ހެޔޮ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވެވަޑައިގަތުމާއެކު ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބި މިންވަރުގެ އަދަދުތައް ވެސް ސާފުވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ވެސް ރަނގަޅުކަމަށާއި، އިންޑިއާގެ ފަރާތުން ވެސް ދިވެހިން ދައްކާ ވާހަކައަށް އިހްތިރާމްކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޒަމާންތަކަކަށް ދެމިފައި އޮތް ގުޅުމާއި އެކުވެރިކަމުގެ ތެރެއިން މި މައްސަލައަށް ހައްލު ގެނެސްދޭނެ. މިއީ ރާއްޖޭގެ ރައްކާތެރިކަމާ ގުޅުންހުރި ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގެ ފެންވަރު މަތިކުރުމަށް އެހެން ގައުމުތަކުގެ އަސްކަރީ އެހީ ބޭނުންވާކަމަށެވެ. އެއީ އިންޑިއާއާއި އެހެން ގައުމުތަކުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ނަމަވެސް ރައްޔިތުން ނުރުހޭނީ އެ ކަމަށް ޓަކައި އެ ގައުމުތަކުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުންކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތާ ގުޅުންހުރި މުހިންމު ކަންކަމުގައި ޑރ. މުއިއްޒު އަބަދުވެސް ދައްކަވާ އެންމެ މުހިންމު އެއް ވާހަކަފުޅަކީ ގުޅުންތައް ބައްޓަން ކުރައްވާނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތުގެ ތެރެއިން ކަމަށެވެ. އަދި އަބަދުވެސް ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާ ވެވަޑައިނުގަންނަވާނެކަމަށާއި، ހުރިހާ ގައުމަކާ ވެސް ގާތް ގުޅުން ބާއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ.

comment ކޮމެންޓް