މުއިއްޒު ހުވާ ކުރައްވާ ވަގުތު ބޮޑެތި އުޅަނދުތައް ދުއްވުން މަނާ

ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނަ ވަގުތު މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް މާލޭގެ ސެކިއުރިޓީ ކަންތައްތައް އަމާންކަމާއެކު ގެންދިޔުމަށް، ބޮޑެތި އުޅަނދުތަކުގެ ތެރެއިން ސީ އެކެއް ކެޓަގަރީގެ (350 ކިލޯގްރާމު) ކުދި ޕިކަޕު ފިޔަވައި އެހެނިހެން ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން މަނާ ވާނެ ކަމަށެވެ.

އެ އުޅަނދުތައް ދުއްވުން މަނާ ވާނީ މާދަމާ މެންދުރުފަހު 2:00 އިން 6:00ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އެގޮތުން، ދުއްވުން މަނާ ވާނީ ސީ ދެއެއް ކެޓަގަރީ، ސީ0 ކެޓަގަރީ، ޑީ ކެޓަގަރީ، އީ ކެޓަގަރީގެ އިތުރުން ވީ ކެޓަގަރީގެ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް މަނާ ކުރެވުނު ކެޓަގަރީތަކުގައި ހިމެނޭ އާންމު ޚިދުމަތްދޭ ސަރުކާރުގެ އުޅަނދުތަކާއި ސަލާމަތީ ބާރުގެ އުޅަނދުތަކަށް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އުސޫލާ ހިލާފަށް ދުއްވާ ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށެވެ.

ފުލުހުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން މަނާވާނެއެވެ. އަދި ޖުމްހޫރީ މައިދާނުގެ ފަހަތުން އޮންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައި ވަނީ، އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށެވެ.

comment ކޮމެންޓް