ޅަދަރިމައިންނަށް މަސައްކަތް ކުރުމަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން މަސައްކަތް ކުރުމަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ނިންމައިފިއެވެ.

ސީއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެ ކޮމިޝަނުން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ގަވައިދުގެ 183 ވަނަ މާއްދާގެ ދަށުން ޅަދަރިމައިންނަށް ލުއި ގޮތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން، އެފަދަ މުވައްޒަފުންނަށް ލުއި ގޮތްތައް ހަމަޖައްސައިދޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަ 24 މަސް ފުރުމާ ހަމައަށް ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާނެ ގޮތުގެ މަތިންކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.

އެ ލުއިތައް ދިން ނަމަވެސް، އެ އިންތިޒާމުތައް ހަމަޖައްސާފައިވާ މުއްދަތަށް އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެކަމަށް ވެސް ސީއެސްސީން އަންގައިފައިވެއެވެ.

މީގެ ކުރިން އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ލިބެނީ ތިން މަހުގެ ޗުއްޓީ ނަމަވެސް 2019 ވަނަ އަހަރު މި ސަރުކާރުން ވަނީ އެ މުއްދަތު ހަ މަހަށް އިތުރުކޮށްފައެވެ. އަދި ދަރިފުޅުގެ ބައްޕައަށް ލިބޭ ޕެޓާނިޓީ ލީވް ވަނީ ތިން ދުވަހުން، އެއް މަހަށް އިތުރުކޮށްފައެވެ.

comment ކޮމެންޓް