ދަރަވަންދޫ ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީ

ދަރަވަންދޫ ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީ-- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

ދަރަވަންދޫ ފުޓްސަލް މުބާރާތުގެ މިޑިއާ ޕާާޓްނަރަށް ވުމަށް، އެސްއެސްޓީވީން މިއަދު ދަރަވަންދޫ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެސްއެސްޓީވީގެ ފަރާތުން ސޮއި ކުރެއްވީ އެސްއެސްޓީވީގެ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީނެވެ. އަދި ދަރަވަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ދަރަަވަންދޫ ކައުންސިލް ރައީސް އަލީ ސަމީހާއި ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ހުޝާމިނެވެ.

މި އިވެންޓްގައި ޒަހީން ވިދާޅުވީ، މީޑިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން އެސްއެސް މީޑިޔާއިން މި މުބަރާތް ޕްރޮމޯޓްކޮށް، މި މުބާރާތާ ގުޅުންހުރި ހުރިހާ ޚަބަރެއް އާންމުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.

ދަރަވަންދޫ ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސްޓީވީ-- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

މި މުބާރާތުގެ ފައިނަލް މެޗާ ހަމައަށް ކުޅޭ ހުރިހާ މެޗެއް އެސްއެސް ޓީވީގެ ޔޫޓިއުބް އާއި ފޭސްބުކް ޕޭޖުގެ އިތުރުން، ދަރަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ވެސް ލައިވްކުރާނެ ކަމަށް ޒަހީން ވިދާޅުވިއެވެ. އަދި ފައިނަލް މެޗާއި އިނާމު ދިނުމުގެ ހަފުލާ އެސްއެސްޓީވީން ލައިވް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

''ޖުމުލަ ގޮތެއްގައި މުޅި މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ހައިސިއްޔަތުން އެސްއެސް މީޑިއާއިން ކުރާނެ ކަމަކީ މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން މި މުބާރާތް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަށް ކުރުން،'' ޒަހީން ވިދާޅުވިއެވެ.

ސަމީހް ވިދާޅުވީ، މި މުބާރާތަކީ ދަރަވަންދޫގެ ޒުވާނުންނަށް ޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރަތެއް ކަމަށެވެ. މިހާރު މި މުބާރާތް އަމާޒުކޮއްފައި އޮތީ ފިރިހެނުންނަށް އެކަނި ނަމަވެސް، އަންހެނުންނަށް އަމާޒުކޮށްގެން ވެސް މުބާރާތެއް އިންތިޒާމް ކުރުމަށް މަސައްކަތްކުރާ ކަމަށް އެ އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމުލަ ހަ ޓީމަކުންނެވެ. އެގޮތުން، ބައިވެރިވި ޓީމްތަކުގެ މެދުގައި ޖުމުލަ ސަތާރަ މެޗު ކުޅޭނެ ކަމަށް ސަމީހް ވިދާޅުވިއެވެ.

''ދަރަވަންދޫ ފުޓްސެލް ފިއެސްޓާ ފެށުނީއްސުރެެ އަޅުގަނޑުމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެެއް ފަރާތެއް އެއީ އަޅުގަނޑުމެންގެ ޕްރިންޓިން ޕާޓްނާ އެންޕްލަސް. މިދިޔަ އަހަރެކޭ ވެސް އެެއްގޮތަށް އަޅުގަނޑުމެންގެ ޓްރެވެލް ޕާޓްނާއެއްގެ ގޮތުގައި، މަންޓާއެއާ މަސައްކަތް ކޮއްދެއްވާނެ. އަދި ޑިޖިޓަލް ޕާޓްނާއެއްގެ ގޮތުގައި ދިރާގު ވަނީ ހަމަޖެހިފައި،" ސަމީހް ވިދާޅުވިއެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ލިބޭއިރު، ދެވަނައަށް ދާ ޓީމަކަށް 15،000 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަމީހު ވިދާޅުވިއެވެ.

އަންނަ އަންގާރަ ދުވަހު ފަށާ އެ މުބާރާތް ކުރިއަށްގެންދާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް