ކޮމަންވެލްތުގެ ކުރިމަތީގައި ކުޑަ ކުޑަ ދިވެހިރާއްޖެ ހަށިފޮޅާލާފައި ތެދުވުން!

ކޮމަންވެލްތަކީ ނަވާރަސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅު އުފެދިގެން އައި ބައިނަލްއަޤްވާމީ ސިޔާސީ ޖަމާއަތެކެވެ. މިހާރު 54 މިނިވަން ގައުމުގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަކީ ކޮންމެވެސް އެއް ޒަމާނެއްގައި އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ނުވަތަ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ގައުމުތަކެކެވެ. އެހެން ކަމުން ބައެއް ފަރާތްތަކުން ދެކޭގޮތުގައި ކޮމަންވެލްތަކީ އިނގިރޭސި އެމްޕަޔަރ ކުދި ކުދިވެ ބަލިކަށިވުމުން ނުސީދާ ގޮތުގައި މެންބަރު ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ޓަކައި އިނގިރޭސި ވިލާތް އިސްކޮށް އޮވެގެން އުފައްދާފައިވާ ސިޔާސީ ހަތިޔާރެކެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވެފައި ވަނީ ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރުގަ އެވެ. މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިމާވެފައިވާ މައްސަލަތަކުގެ ތެރެއަށް ވަދެ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އިންޒާރު ދެމުންދާ ޖަމާއަތަކީ ކޮމަންވެލްތެވެ. ކޮމަންވެލްތު މެންބަރު ގައުމުތަކުގައި ޤާނޫނު އަސާސީ އާ ޚިލާފު ބޮޑެތި ޖަރީމާތައް ހިނގާ ކަމަށް ތުހުމަތު ކުރެވޭ ނަމަ އެފަދަ ކަންކަން ބެލުމަށް ޓަކައި ކޮމަންވެލްތުން މީގެ 17 އަހަރު ކުރިން، 1995ގައި ސީމެގް ކިޔާ ގްރޫޕެއް އުފެއްދި އެވެ. ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް ނުވަތަ ސީމެގަކީ ކޮމަންވެލްތު ޖަމާއަތުގެ ސެކެޓްރީ ޖެނެރަލް އުފައްދަވާ ގްރޫޕެކެވެ. އެ ގްރޫޕްގައި ހިމެނެނީ ކޮމަންވެލްތު މެންބަރު ނުވަ ޤައުމެއްގެ ހާރިޖީ ވަޒީރުންނެވެ. މިނުވަ މެންބަރުންގެ ތެރޭގައި އިއްތިފާގުން ދިވެހި ރާއްޖެ ވެސް ހިމެނެ އެވެ. ނަމަވެސް ސީމެގުން ދިވެހިރާއްޖެއާ ބެހޭ މައްސަލައެއް މިވަގުތު ބަލަމުންދާތީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ސީމެގުގައި ރާއްޖެ ބައިވެރިއެއް ނުކުރާނެ އެވެ.

ކޮމަންވެލްތު މެންބަރު ޤައުމުތަކުގައި ޖެހޭ ކޮންމެ މައްސަލައެއް ސީމެގަކަށް ހުށައެއް ނޭޅޭނެ އެވެ. އާދައިގެ މައްސަލަތައް ކޮމަންވެލްތުން އާއްމުކޮށް ބެލިޔަސް ސީމެގު އެޖެންޑާގައި ހިމަނައިގެން ސީމެގުން ބަލާނީ ކަނޑައެޅިގައިވާ ތާރީހަށް ވުރެން ޤައުމެއްގެ އިންތިހާބު ލަސްކުރުން ފަދަ ބޮޑެތި މައްސަލަތަކެވެ. މިގޮތުން ސީމެގު އެޖެންޑާގައި ޤައުމެއްގެ މައްސަލަ ހިމެނުމަށް ބަލަން ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން ވަކި ބައެއްގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގެ މައްސަލަ ސީމެގަށް ވައްދާފައިވާ ކަމަށް ދިވެހި ސަރުކާރުން ތުހުމަތުކުރެ އެވެ.

މި މެއި މަހު އިންޑިޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. ވަހީދު ވަނީ މިމޭރުމުން ވާހަކަދައްކަވައި، ކޮމަންވެލްތުން ވަކިކޮޅަކަށް ޖެހި، ދިވެހިރާއްޖެއާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި މިސަބަބަށްޓަކައި ކޮމަންވެލްތާ މެދު ވަރަށް މާޔޫސް ވެވަޑައިގެންފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އެހެންނަމަވެސް ސީދާ ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަހީދު މިހެން ވިދާޅުވިޔަސް ސަރުކާރަށް ނިސްބަތްވާ ކޯލިޝަންގެ ޕާލިމެންޓް މެންބަރެއް ކަމުގައިވާ ރިޔާޒް ރަޝީދު ވަނީ ކޮމަންވެލްތުން ރާއްޖެއާ މެދު ބޭއިންސާފުން އަމަލުކުރަމުން ދާތީ އެޖަމާއަތުން ރާއްޖެ ވަކިވުމަށް ގޮވާލައި ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި ޕީޕީއެމް އާއި ގައުމީ ޕާޓީ އަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ މިކަމަށް ތާއިދު ވެސް ކުރައްވާފަ އެވެ. ހަމަ އެއާ އެކު ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކޮމަންވެލްތުގެ މެންބަރަކަށް 1989 ވަނަ އަހަރު ރާއްޖެވީއިރު ދިވެހި ސަރުކާރުގެ ރައީސްއަކަށް ހުންނެވި ރައީސް މައުމޫނު ވެސް ވަނީ ކޮމަންވެލްތަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖެއަކީ އެޖަމާއަތުގެ މެންބަރަކަށް އަސްލުވާން ޖެހޭ ޤައުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ކަމަލޭޝް ސަރުމާގެ ފަރާތުން ރާއްޖޭގެ މައްސަލަ ބެއްލެވުމަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު ސާރ. ޑޮނަލްޑް މެކިނޮން މިހާރު ރާއްޖެވަޑައިގެން ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާ ކުރައްވަމުން ގެންދަވާ ބައްދަލު ކުރެއްވުންތަކުގައި އެންމެ ބޮޑަށް ބާރުއަޅުއްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލާ އޭނާ މިނިވަނެއްގެ ގޮތުގައި ބެހެއްޓުމަށެވެ.

ކޮމަންވެލްތުގެ އުސޫލުތަކާ ޚިލާފަށް ރާއްޖޭގެ މައްސަލަ ސީމެގުގެ އެޖެންޑާގައި ހިމަނައި، ރާއްޖޭގެ ޤާނޫނު އަސާސީ ތަންނުދޭ ފަދަ އަވަސް އިންތިހާބެއް ބޭއްވުމަށް ދިވެހި ސަރުކާރަށް ބާރު އަޅައި، ދިވެހި ޤާނޫނު އަސާސީގެ ދަށުން ޓެރަރިޒަމްގެ ތުހުމަތު ކުރެވިފައިވާ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރުމަށް ކޮމަންވެލްތުން ގޮވާލުމަކީ ކުޑަ ޤައުމަކަށް ބައިނަލްއަގްވާމީ ބޮޑު ޖަމާއަތަކުން ބިރުދެއްކުން ނޫން ދެން ކޮންކަމެއްތޯ އެވެ.

ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ވާ ނަމަ ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކާރޕެޓް ދަށަށް ކަހާލަން ކޮމަންވެލްތުން ގޮވާލުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ ބަލިކަށިކޮށްލުމަށް ގޮވާލާ ގޮވާލުމެއްނޫންތޯ އެވެ. ރާއްޖޭގެ ފަނޑިޔާރުގެއަށް ކޮމަންވެލްތުގެ އިތުބާރު ނެތްކަމުގައި ވަނީ ނަމަ ރައީސް ނަޝީދުގެ މައްސަލަ ބަލަން ވެސް ކޮމަންވެލްތުގެ ގްރޫޕެއް ހަދަންވީ ނޫންތޯ އެވެ. ހުރިހާ ދައުވާއެއް ބާތިލުކުރުމަށް ގޮވާލުމަކީ ނުފޫޒު ގަދަ ފަރާތްތަކެއްގެ ދަށުވެގެން، ރާއްޖެ ފަދަ ކުޑަ ޤައުމެއް ބުލީކޮށް ބިރުދެއްކުމަށް ސީމެގާއި، ކޮމަންވެލްތުން ކުރަމުންދާ ވަރަށް ޣައިރު ޒިންމާދާރު، ފިނޑި އަމަލެއްކަން ޔަގީނެވެ.

ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން އަހަރަކު ފުދޭވަރެއްގެ ބޮޑު ފީއެއްވެސް ދައްކަންޖެހެ އެވެ. އޭގެ ބަދަލުގައި އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ދާއިރާގައި ކޮމަންވެލްތުން ފަންނީ އެހީ، މެންބަރުގައުމު ތަކަށް ދެ އެވެ. ނަމަވެސް ކޮމަންވެލްތަކީ އެއްއިރެއްގައި ވެސް އިގްތިސާދީ ބޮޑެތި އެހީ ދޭ ޖަމާއަތެއް ނޫނެވެ. ކޮމަންވެލްތުގެ މެންބަރަކަށް ނުވިއަސް، އދ. އާއި ޔުނިސެފުން ވެސް އެފަދަ ފަންނީ އެހީ ލިބިދާނެ އެވެ.

ކޮމަންވެލްތުން ރާއްޖެއާ މެދު ކަންތައްކުރަމުންދާ ބޭއިންސާފު ގޮތާދެކޮޅަށް ތެދުވެ، އަމިއްލަވަންތަ ކަމާ އެކު، ހަށިފޮޅާލާފައި ރާއްޖެއަށް ތެދުވެވިދާނެ އެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އެކަންކުރަން އެންމެ ރަނގަޅުވަގުތަކީ މިވަގުތެއް ނޫނެވެ. މިވަގުތު ރާއްޖެއަށް އެންމެ ހިކުމަތްތެރި ރަނގަޅު ގޮތަކަށް ވާނީ ކެތްތެރިކަމާ އެކު ކޮމަންވެލްތުން އެބުނާ ގޮތަކަށް އިންކުއަރީ ކަމިޝަން އެކުލަވާލައިގެން، ނަޝީދުގެ މައްސަލަ ވެސް ޕެންޑިންގ ފައިލްގައި ބާއްވައިގެން، މިހާރު ވެސް މިއޮތް ސަރުކާރަކީ ޤާނޫނީ ސަރުކާރެއްކަން ސާބިތުކޮށް ދިނުމެވެ. އެއަށް ފަހު ވެރިކަންކުރާ ކޯލިޝަން ބައިބައިނުވެ އެކުގައި މަސައްކަތްކޮށް، 2013ގެ އިންތިހާބު ކާމިޔާބުކޮށް ކޮމަންވެލްތުގެ ހިޔަނިން ސަލާމަތްވުމެވެ. އެއަށް ފަހު ރީތިގޮތުގައި ކޮމަންވެލްތުން ވަކި ވާނީ އެވެ. އަދި ރައީސް ނަޝީދުގެ ޖިނާއީ ކުށެއްވާ ނަމަ އެ މައްސަލަ ވެސް އެހިސާބުން ބަލާނީ އެވެ.

ދިވެހި ޤައުމު ކިތަންމެ ކުޑައަސް އަދި ކޮމަންވެލްތަކީ އިނގިރޭސިވިލާތާއި، ކެނެޑާއާއި، އޮސްޓްރޭލިޔާ ފަދަ ބޮޑެތި ޤައުމުތައް ހިމެނޭ ޖަމާއަތަކަށް ވިއަސް ބަދަލުވަމުންދާ ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި ދިވެހިރާއްޖެއަށް ފައިދާ ބޮޑުވާނީ އދ. އާއި ސާކުގެ ތެރެއިން މަސައްކަތްކޮށް ވަކި ވަކި ޤައުމުތަކާ ސިޔާސީ ގުޅުން ބަދަހިކޮށް ބައިލެޓެރަލް އެއްބަސްވުންތައް ވަރުގަދަ ކޮށްގެންނެވެ.

ކޮމަންވެލްތަކީ އިސްތިއުމާރީ، ބޯދާ ހިޔާލު ތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޖަމާއަތެކެވެ. ކޮމަންވެލްތުގެ މިހާރުގެ އަމަލުތަކުން ސާބިތުކޮށްދެމުން އެދަނީ އެއީ ކުދި ކުދި ޤައުމުތަކުގެ ޗެމްޕިއަނުން ނޫން ކަމެވެ. އަދި ކިއެއްތަ އެއީ ނުފޫޒުގަދަ، ބޮޑެތި ޤައުމުތަކުން، ކުދި ޤައުމުތައް ކުޑަ ކަކޫ މައްޗަށް ތިރިކުރުވަން ބޭނުންކުރާ ސިޔާސީ ހަތިޔާރެއްކަމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި 2015 އައުމުގެ ކުރިން މި ކުޑަ ކުޑަ ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެ ދުނިޔެއަށް ރަނގަޅު ސިޔާސީ ފިލާވަޅެއް ދައްކައިދޭން ޖެހެ އެވެ. ބާރުގަދަ ޕޯޗުގީޒުންގެ ކުރިމަތީގައި ބޮޑުތަކުރުފާނު ބަސްވިދާޅުވި ފަދައިން މިހާރު މިޤައުމަށް ބޭނުން ވަނީ ކޮމަންވެލްތުގެ ކުރިމަތީގައި ހައްޤުބަސް ބުނަން ކެރޭ ފަދަ ހިކުމަތްތެރި ލީޑަރޝިޕެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް