މިނެޓަކު 33 ކުދިން ބަނޑުހައިހޫނުކަމުގެ ތެރެއަށް އުފަންވޭ

ކާބޯތަކެއްޗަށް ޖެހިފައިވާ ނައިޖީރިއާގެ ދެ ކުޑަކުދިން -- ފޮޓޯ/ޔުނިސެފް

މި އަހަރު މަދުވެގެން 17.6 މިލިއަން ކުދިން ނުވަތަ މިނިޓެކު 33 ކުދިން ބަނޑުހައިހޫނުކަމުގެ ތެރެއަށް އުފަންވާނެ ކަމަށް އިނގިރޭސިވިލާތުގެ އެންޖީއޯ ސޭވް ދަ ޗިލްޑްރެންސްއިން ހާމަކޮށްފިއެވެ.

މިއީ މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު 22 އިންސައްތައިގެ އިތުރުވުމެކެވެ.

މި އަހަރުގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް މި މަހު 20 ގައި ފާހަގަކުރާއިރު، 2013 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު އަލަށް އުފަންވާ ކުދިންނަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެ މިންވަރު ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އިތުރު ކަމަށް އެ ޖިމިއްޔާއިން ހާމަކުރެއެވެ.

އިޤުތިޞާދީ ނުތަނަވަސްކަމާއި، ހަމަނުޖެހުންތަކާއި، ތަކުރާރުކޮށް މޫސުމަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ ކޮންމެ ކަންކޮޅަކަށް ވެސް އަސަރު ކުރަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ދަތިކަން ކުރިމަތިވެއެވެ. ސޭވް ދަ ޗިލްޑްރެންގެ ދިރާސާއިން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ދުނިޔޭގެ ކާނާ ނުލިބޭ ކުދިންގެ 95 އިންސައްތަ ކުދިން ތިބީ އެފްރިކާއާއި އޭޝިއާގައެވެ.

ކާނާއަށް އެންމެ ދަތިވެފައިވާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބަނޑުހައިހޫނު ކަމުގެ ތެރެއަށް އުފަންވާ ކުދިންގެ އަދަދު އެންމެ ގިނަ ގައުމަކަށް އަފްޣާނިސްތާނު ވާނެ ކަމަށް އެ ދިރާސާއިން ދައްކައެވެ.

ދުނިޔޭގެ ބަނޑުހައިހޫނުކަން ކުޑަކުރުމުގައި މީގެ ކުރިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2001 ވަނަ އަހަރު ބަނޑުހައިހޫނުކަމުގެ ތެރެއަށް 21.5 މިލިއަން ކުދިން އުފަންވިއިރު، އެ އަދަދު ފަސްބައިކުޅަ އެއްބަޔަށް ވަނީ މަދުކުރެވިފައެވެ.

ނަމަވެސް އިޤުތިޞާދީ ލޮޅުންތަކާއި، ހަމަނުޖެހުންތައް އިތުރުވުމާއި އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ހޯދާފައިވާ ކުރިއެރުންތައް ވަނީ ދަށަށް ދާން ފަށާފައެވެ.

ބަނޑުހައިހޫނުކަމުގެ ދަތިކަން ތަހައްމަލުކުރަމުންދާ ގައުމުތަކުގެ މައުލޫމާތު އެންމެ ފަހުން އާންމުކޮށްފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ކުރަމުންގެންދާ ހަނގުރާމައިގެ ކުރިންނެވެ.

އދ މެދުވެރިކޮށް ހޯދި ބައެއް މައުލޫމާތުގެ އަލީގައި ސޭވް ދަ ޗިލްޑްރަންއިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މި އަހަރު ޣައްޒާގައި 66،000 އަށް ވުރެ ގިނަ ކުދިން އުފަންވާނެ ކަމަށް ބެލެވޭއިރު، މި އަހަރުގެ ފަހުކޮޅު 15000 އަށް ވުރެ ގިނަ ކުދިން އުފަންވާނެއެވެ. އެހާ ހިސާބަށް ވެސް ހަނގުރާމަ ނުހުއްޓައިފިނަމަ، ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް