ސޫރިއާގެ ރައީސް ހައްޔަރު ކުރުމުގެ އަމުރެއް ފްރާންސުން ނެރެފި

ސޫރިއާގެ ރައީސް ބައްޝާރުލް އަސަދު. ފޮޓޯ/އަހްރަމް އޮންލައިން

ސޫރިޔާގެ އާންމުންނަށް އަމާޒުކޮށް 2013 ވަނަ އަހަރު ދިން ކެމިކަލް ހަމަލާތަކާ ގުޅިގެން އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ސޫރިއާގެ ރައީސް ބައްޝާރުލް އަސަދު ހައްޔަރު ކުރުމުގެ ބައިނަލްއަޤުވާމީ އަމުރެއް ފްރާންސުން ނެރެފިއެވެ.

ސޫރިޔާގެ އިރުމަތީ ޣޫތާ އަށާއި ދޫމާއަށް 2013 ވަނަ އަހަރުގެ އޮގަސްޓް މަހު ދިން ކެމިކަލް ހަލަމާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވި ކަމަށް އަސަދަށް ވަނީ ތުހުމަތުކޮށްފައެވެ.

ސޫރިއާގެ އެލައިޓް އަސްކަރީ ޔުނިޓުގެ ވެރިޔާ އަދި އަސަދުގެ ބޭބެ މަހެރްއާއި ހަތިޔާރު އެޅި ސިފައިންގެ ދެ ޖެނެރަލުން ހައްޔަރު ކުރުމަށް ވެސް ބައިނަލްއަޤުވާމީ އަމުރުތަކެއް ނެރެފައިވެއެވެ.

އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅޭ ޕެރިސް ކޯޓުގެ ޔުނިޓުން 2021 ވަނަ އަހަރުން ފެށިގެން ދަނީ ކެމިކަލް ހަމަލާތައް ތަހުގީގު ކުރަމުންނެވެ.

މި ތަހުގީގު ފަށާފައިވަނީ ސީރިއަން ސެންޓަ ފޯ މީޑިއާ އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން (އެސްސީއެމް) އާއި އޯޕަން ސޮސައިޓީ ޖަސްޓިސް އިނިޝިއޭޓިވް (އޯއެސްޖީއައި) އަދި ސީރިއަން އާކައިވްއިން ހުށަހެޅި ގާނޫނީ ޝަކުވާއަކާ ގުޅިގެންނެވެ.

އަސަދުގެ ސަރުކާރުން 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އޭރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ދިމިޝްގުގެ އިރުމަތީ ޣޫތާއަށް ހަމަލާދިން ކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ސޫރިއާ ސަރުކާރާއި އެ ގައުމުގެ އެކުވެރި ގައުމުތަކުން ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ. އަދި، ޣޫތާއަށް ހަމަލާ ދިނީ އިދިކޮޅު ހަނގުރާމަވެރި ފަރާތްތައް ކަމަށް ވެސް ސޫރިއާ ސަރުކާރުން ވަނީ ބުނެފައެވެ.

އެ ހަމަލާއަށް ފަހު އެމެރިކާއިން ވަނީ ސޫރިއާއަށް އަސްކަރީ ބަދަލު ހިފުމުގެ އިންޒާރު ދީފައެވެ. ނަމަވެސް ހަނގުރާމައަކަށް ނުގޮސް ސޫރިއާއިން ކެމިކަލް ހަތިޔާރު ރައްކާކޮށްފައިވާ ހުރި ތަންތަން ދޫކޮށްލުމަށް މޮސްކޯއާ އެކު އެއްބަސްވީއެވެ.

އޭރު 2013 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން އެ ގައުމުގެ ކެމިކަލްތައް ނައްތައިލާފައިވާ ކަމަށް ސޫރިއާއިން ބުނެއެވެ.

comment ކޮމެންޓް