ރަތް ކަނޑާއި ބާބް އަލް މަންދީބްގައި ދަތުރު ކުރާ އިސްރާއީލުގެ ސިފައިންގެ ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫޠީންގެ ލީޑަރު އަބްދުލްމާލިކް އަލް ހޫޠީ އަންގާރަ ދުވަހު ބުނެފިއެވެ.
ހޫޠީން ވަނީ މީގެ ކުރިން ވެސް އިސްރާއީލަށް ހަމަލާތައް ދީފައެވެ. މިސައިލް އަދި ޑްރޯން ހަމަލާތަކެއް އިސްރާއީލަށް ދީފައިވާއިރު، އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޖަމާއަތާ ދެމެދު އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމަ މެދުއިރުމައްޗަށް ފެތުރިދާނެ ކަމަށް ހޫޠީން ވަނީ އިންޒާރު ވެސް ދީފައެވެ.
ސައުދީ އިސްވެ އޮވެ އޮންނަ ކޯލިޝަނަކާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނަ ހޫތީން ވަނީ އަރަބި ޕެނިންސުލާގައި ބޮޑު އަސްކަރީ ބާރެއްގެ ގޮތުގައި އުފެދިފައެވެ.
އެ ޖަމާއަތުން ކޮންޓްރޯލް ކުރަނީ ޔަމަނުގެ އުތުރާއި ރަތް ކަނޑުގެ އައްސޭރިފަށެވެ.
"ރަތް ކަނޑުގައާއި ޚާއްޞަކޮށް ބާބް އަލްމަންދާބުގައި، އަދި ޔަމަނުގެ ސަރަހައްދީ ކަނޑުގެ ސަރަހައްދުގައި އިސްރާއީލުގެ އެއްވެސް ބޯޓެއް ދަތުރުކުރޭތޯ އަޅުގަނޑުމެން ދާނީ ބަލަމުން،" އަބްދުލްމާލިކް ބުނެފައިވެއެވެ.
ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ހަމަލާތައް ދޭން ފެށި ފަހުން އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކުގެ ހަރަކާތްތަކަށް އެމެރިކާއިން އޮތީ ވަރަށް ބޮޑަށް ސަމާލުވެއެވެ.
އޭގެ ފަހުން ހަމާސްއިން ދިން ހަމަލާތަކުގެ ރައްދުކަމުގައި ކަމަށް ބުނެ އިސްރާއީލުން އަންނަނީ ފަލަސްތީނުގެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ހަނގުރާމަ ފެށި ފަހުން މިހާތަނަށް 11،000 އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ.