ހުކުރު ދުވަހު ވެރިކަމުގެ ހުވާ ކުރައްވާ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި, ދެކުނުން ކަނޑުގެ ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
އިންތިޚާބީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރުމަށް މިރޭ އަންނަނީ ހަފުލާއެއް ބާއްވަމުންނެވެ.
އެ ހަފުލާގައި ހާމަކުރި ގޮތުގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ވަނީ ނިންމައިފައެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މި އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމް ކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކައިލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ގޮވައިލިއެވެ.
އާ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރަން ހިމަނައިފައެވެ.
އިމުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ކެމްޕޭން ތެރޭގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވައިލުމާއި ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމެވެ.
އާ ސަރުކާރުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލަން ވެސް ވަނީ ނިންމައިފައެވެ.
ކަނޑުގެ އިޓްލޮސްއިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިޤުތިޞާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސްއިން އެދުމުންނެވެ.
އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސްއިން ވެސް ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބުނެވެ. މޮރިޝަސްއިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސްއަށެވެ.
ޗާގޯސް އަކީ އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. މޮރިޝަސްއަށް ވުރެ ރާއްޖެއާ އިންވާ ގޮތަށް އޮންނަ އެ ޖަޒީރާއަކީ މިހާރު އިނގިރޭސިން ބަލަހައްޓާ ތަނެކެވެ. އެ ތަނުގައި އާންމު އާބާދީއެއް ނޯންނައިރު، އިނގިރޭސިން އެ ތަން ބޭނުން ކުރަނީ ވިޔަފާރި އުސޫލުންނެވެ.
ޗާގޯސްގެ މިނިވަންކަމާއި މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިންނާއި އަރާރުންވާތާ އެތައް އަހަރެއް ވެއްޖެއެވެ.
އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް އިރު، 1965ވަނަ އަހަރު އިނގިރޭސިން މޮރިޝަސްގެ އަތުން ޗާގޯސް އަތުލީއެވެ. އެއަށް ފަހު، އިނގިރެސިން، ޗާގޯސް އަތުލައި އެތަން ހުސްކޮށް އިނގިރޭސިން ވަނީ އެ ތަނުގައި "ބްރިޓިސް އިންޑިއަން އޯޝަން ޓެރިޓަރީ" އެކުލަވާލައިފައެވެ.
އެކަމަކު، މިނިވަންކަން ލިބި، އދ. އާއި ގުޅުމަށް ފަހު މޮރިޝަސްއިން ވަނީ ޗާގޯސް އަނބުރާ ހޯދަން ދައުވާކޮށްފައެވެ.
ޗާގޯސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އަދިވެސް އޮތުމުން މޮރިޝަސްއަށް ފުރިހަމަ މިނިވަންކަން ނުލިބޭ ކަމަށް އދ. އިން ބުނީ 2017ވަނަ އަހަރުއެވެ. އަދި، އިނގިރޭސިންވީ އެންމެ އަވަހަކަށް ޗާގޯސް ދޫކޮށްލުމަށް އޭރު އދ. އިން ވަނީ އެޑްވައިޒަރީ އޮޕީނިއަންއެއް ނެރެ، ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެކަމަކު، އިނގިރޭސިން އެ ނިންމުމަށް ތަބައެއް ނުވެއެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.
ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.