ފުލުހުންނަށް އިއްޔެ އާއި މިއަދު ދެމުން އަންނަ ބޮޑެތި ޕްރޮމޯޝަންތަކަކީ ކުރިން ދޭން ނިންމާފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ޕްރޮމޯޝަންތައް ނުދިނުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ރައީސް ޞާލިޙްގެ ޅިޔަނު މުޙައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރައްވާއިރު ބޮޑެތި ޕްރޮމޯޝަންތަކެއް ދޭން ފަށާފައިވަނީ ރޭގައެވެ.
އެގޮތުން މުޅިން އަލަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަ ބޭފުޅަކު ވަނީ ޕްރޮމޯޓް ކޮށްދީފައެވެ. އެހާތަނަށް އެ މަގާމުގައި ފަސް ބޭފުޅުން ތިއްބަވައެވެ. ޗީފް ސުޕްރިޑެންޓުންގެ މަގާމަށް ރޭ އަށް ބޭފުޅަކު ޕްރޮމޯޓް ކޮށްފައިވެއެވެ. އެނގިފައިވާގޮތުގައި އެހެން ރޭންކުތަކުގެ ގިނަ ޕްރޮމޯޝަންތަކެއް މިއަދު ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މި ޕްރޮމޯޝަން ތަކަކީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.
"ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި ޕްރޮމޯޝަން ތަކަކީ އެ ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެކެވެ.
ދައުރު ހަމަވާން ދެ ތިން ދުވަހަށް ވެފައި ވަނިކޮށް މިފަދަ ޕްރޮމޯޝަންތަކެއް ދިނުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެ މުއައްސަސާގެ އިސްވެރިއަކު ނަން ނުޖަހާ ގޮތަށް "ސަން" އަށް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ދެން އެ މުއައްސަސާއާ ހަވާލުވެލައްވައި ވެރިއަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.
"މި ކަންކަން ކުރަނީ ގަސްތުގައި. މަދިފަޑިއަށް އެހާ މީހުން އެއްފަހަރާ ޕްރޮމޯޓް ކޮށްފައި ދިޔުމުން ދެން ވަޑައިގަންނަވާ ސީޕީއަކަށް ވަރަށް ދަތިވާނެ. އެކި ކަހަލަ ކަންކަން މަތި ފަޑިން ކުރާނެ،" އެ ބޭފުޅާ ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވެރިކަން ނިމެން ދެތިން ދުވަހަށް ވެފައިވާއިރު އެ މަނިކުފާނު ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނިންމުންތަކެއް ނިންމަވާފައެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގެވިކަމަށް ޝަރީއަތުގައި އެއްބަސްވެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އަބްދުﷲ ޒިޔަތު މިނިވަން ކުރުން ހިމެނެއެވެ.
އޭގެ އިތުރުން، ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ވެސް ރައީސް ޞާލިޙް ވަނީ އަދަބު ލުއިކޮށްދެއްވައިފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގެ ފައިސާ ހޯދައިދީ އެ މައްސަލައަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ވައުދާ އެކު ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން އެ ވައުދު ނުފުއްދަވައި، އެންމެ ފަހު ވަގުތު އެ ހިޔާނާތުގައި އިސްކޮށް ހުންނެވި އަދީބާއި ޒިޔަތަށް މާފު ދިނުމުން އެތައް ބައެއްގެ ނުރުހުން ވަނީ ރައީސަށް އަމާޒުވެފައެވެ.