ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ ލިޔެކިޔުން ގެންގޮސްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ މާލޭގައި ހުންނަ އާރްޑީސީގެ ހުރިހާ ސައިޓަކަށާއި އޮފީސްތަކަކަށް އިއްޔެ ހެނދުނު ވަދެފައެވެ.
އެތައް ގަޑިއިރެއް ވަންދެން ފުލުހުން އެ ތަންތަން ބަލައި ފާސްކޮށްފައިވާއިރު އެ ތަންތަނުން ވަނީ ގިނަ އަދަދެއްގެ ލިޔެކިޔެން ތަހުގީގުގެ ބޭނުމަށް ގެންގޮސްފައެވެ.

ފުލުހުންގެ ތަހުގީގެ އާރްޑީސީން ލިޔެކިޔުންތަކެއް ގެންދަން ވެހިކަލަށް އަރުވަނީ --
ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަ ގޮތުގައި އެއީ ލިޔުންތައް ހިމެނޭ ގިނަ އަދަދެއްގެ ބޮކްސް ފައިލް ތަކެކެވެ.
"ސަން"އަށް މައުލޫމާތު ދެމުން އާރްޑީސީގެ މީޑިއާ އޮފިޝަލް އަހްމަދު ފައިރޫޒް ވިދާޅުވީ ފުލުހުން ގެންދިޔައީ ބައެއް ބެކަޕް
ހާޑް ޑިސްކުތަކާއި، ފައިލްތައް ކަމަށެވެ.
މި ތަހުގީގާ ގުޅިގެން އެ އޮފީހުގެ އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތު އަދި ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން ތަހުގީގުކުރަމުން އަންނަނީ އާރްޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ޕެޓީ ކޭޝް މައްސަލައެވެ. އެގޮތުން މީގެ ކުރިން ތުހުމަތު ކުރެވުނު ގޮތުގައި އެ ޕެޓީ ކޭޝްވަނީ އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައެވެ.