ނުވަދިހައިގެ އަހަރުތަކުގެތެރޭ ފިލްމީ މައިދާނަށް ނުކުތް ކަޕޫރު ޚާންދާނުގެ ބަތަލާ ކަރިޝްމާ ކަޕޫރުގެ ފިލްމީ ކެރިއަރުގެ ކާމިޔާބީގެ ފަހަތުގައި ހުރީ ޖޫހީ ޗާވްލާ ކަމަށް ބަތަލާ ބުނެފިއެވެ.
މިދިޔަ ހޯމަ ދުވަހު 56 އަހަރު ފުރުނު ކުރީގެ ބަތަލާ ޖޫހީ ކަރިޝްމާ އަކީ ވަރަށް މޮޅު އެހާމު ފުންނާބު އުސް ފިލްމީ ޚާންދާނަކުން ބޮލީވުޑަށް ނުކުތް ބަތަލާއެއް ކަމުގައެވެ.
އެހެންނަމަވެސް ޖޫހީ ދެކޭ ގޮތުގައި ކަރިޝްމާގެ ކެރިއަރު އިތުރު އުސްމިނަކަށް ގެންގޮސްދިނީ 1996ވަނަ އަހަރު ކުޅުނު ފިލްމު "ރާ ޖާ ހިންދުސްތާނީ"އެވެ.
ފިލްމު "ރާޖާ ހިންދުސްތާނީ"ގައި ކަރިޝްމާ ކުޅުނު ރޯލް އެންމެ ފުރަތަމަ ހުށަހެޅި ފަރާތަކީ ޖޫހީ ޗަވްލާ ކަމަށް ބަތަލާ ވަނީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. ނަމަވެސް ފިލްމަށް އޭނާ އިންކާރު ކުރުމުން އެ ރޯލް ފަހުން ހުށަހެޅީ ކަރިޝްމާ ކަޕޫރަށް ކަމަށް ޖޫހީ ވަނީ ބުނެފައެވެ.
ފިލްމު "ރާޖާ ހިންދުސްތާނީ"ގެ އިތުރުން ކަރިޝްމާގެ ކެރިއަރުގެ ކާމިޔާބު ފިލްމު "ދިލް ތޯ ޕާގަލް ހޭ" ވެސް ކުޅެން ޖޫހީއަށް ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ބަތަލާ މާދުރީގެ ދެވަނަ ލީޑް ކުޅެން އޭރު ޖޫހީގެ ޝައުޤުވެރިކަމެއް ނެތުމުން އެ ރޯލް ވެސް ލިބުނީ ކަރިޝްމާއަށް ކަމަށް ޖޫހީ ވަނީ ބުނެފައެވެ.
ކުރީގެ ބަތަލާއިން ކަމަށްވާ ޖޫހީ، މާދުރީ، ރަވީނާ ޓަންޑަން އަދި މަނީޝާ ކޮއިރަލާ ފަދަ ފިލްމީ ތަރިންނަކީ ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް ތަރިން ކަމަށާއި އޭރުގެ ފިލްމީ ދުނިޔެ މިހާރާ އަޅާ ބަލާއިރު ވަރަށް ތަފާތު ކަމަށް ޖޫހީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
އެ ވާދަވެރިކަން އެތައް އަހަރެން ވަންދެން ދެމިއޮތް ކަމަށާއި އެކަކު އަނެކަކާ ބައްދަލުވިޔަސް އޭރު ހަމައެކަނި ސަލާމްކޮށްލުމަށް ފަހު ނިންމާލަނީ ކަމަށް ޖޫހީ ވަނީ ބުނެފައެވެ. ކެރިއަރުގެ އެހާ މުހިއްމު ފިލްމެއް ކަމަށްވާ "ރާޖާ ހިންދުސްތާނީ"އަށް އިންކާރު ކުރީ ކީއްވެތޯ ނޫސްވެރިޔަކު އެހުމުން ޖޫހީ ބުނެފައި ވަނީ ފިލްމުގެ ޑައިރެކްޓަރު ދަރުމޭޝް ދަރުޝަންއާ ދެމެދު ހިނގި ދެބަސްވުމެއްގައި ޖޫހީ އާއި މާދުރީ އަޅާކިޔުމުން އެކަމާ ހިތްހަމަ ނުޖެހިގެން ފިލްމަށް އިންކާރުކުރީ ކަމަށެވެ.
ފިލްމު "ޑަރް"، "އިޝްޤް"، "ހަމްހެ ރާހީ ޕިޔާރުކޭ" އަދި "ދަރާރް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މި ދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށި ޢާއިލީ ފިލްމު "ފްރައިޑޭ ނައިޓް ޕްލޭން" އިންނެވެ.