މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއާ ލީގު އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ލީގު މެދުކަނޑާލަން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެއީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިން އެފްއޭއެމް ހައުސްއަށް ފުލުހުން ވަދެ، ބައެއް ތަކެތި ގެންދިއުމުން މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިވާ ކަމަށް ބުނެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށާއި އެ އިދާރާގެ ހިންގާ ކޮމިޓީން ޝެޑިއުލް ފައިނަލް ކުރުމުން މާދަމާގެ ވަގުތެއްގައި ޝެޑިއުލް ހިއްސާކުރާނެ ކަމަށެވެ.
ފުލުހުންގެ މައްޗަށް ޕީޖީން ކޮށްފައިވާ އަމުރުގައި ވަނީ، އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށެވެ.
އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އެ އިދާރާއިން ވަނީ ދޮގުކޮށްފައެވެ. އެފްއޭއެމް ހައުސް ބަލައި ފާސްކޮށް، ފުލުހުން ގިނަ އަދަދެއްގެ ލިޔެކިޔުމާއި ސާވާ ބެކަޕް އަދި ހާޑް ޑިސްކް ފަދަ އާލާތްތައް ގެންގޮސްފައިވާ ކަމަށް މީގެ ކުރިން ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވެއެވެ.
"މި އިދާރާގައި ބޭނުންކުރާ ގިނަ އަދަދެއްގެ ލިޔެކިޔުމާއި މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވުމުގެ ސަބަބުން މި އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މި ހާލަތުގައި ފުޓުބޯޅަ ލީގާއި، ރޭވިފައި ހުރި އެނޫންވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައި ހިތާމައާ އެކު ފާހަގަކުރަމެވެ..،" އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެފްއޭއެމުން ލީގު މެދުކަނޑާލާފައިވުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށެވެ. މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބި މުބާރާތާ ކުރިމަތިލާން ޖެހުމުން މާޒިޔާގެ ނަތީޖާތަކަށް ވަނީ އޭގެ އަސަރުތައް ކޮށްފައެވެ.