ޣައްޒާ އަލުން ބިނާކުރަން އެކުލަވައިލާފައިވާ ގަތަރުގެ ކޮމިޓީގެ މައި މަރުކަޒަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާ ރާއްޖެއިން މިއަދު ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޢައްޒާގެ އާންމުންނާއި ގެތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ އިންސާނީ ގާނޫނުތަކާ ސާފުކޮށް ހިލާފު ކަމެއް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ އިތުރުން ވެސް، ޢަރަބި އިސްލާމީ ގައުމުތަކުން ވަނީ ޣައްޒާ އަލުން ބިނާކުރަން އެކުލަވައިލާފައިވާ ގަތަރުގެ ކޮމިޓީގެ މައި މަރުކަޒަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން، ޢައްޒާއަށް ދޭ ލާއިންސާނީ ހަމަލާތައް ހުއްޓުވަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.
އަދި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ހުރަހެއް ނެތި ފޯރުކޮށްދިނުމާ އެކު ޣައްޒާގައި ހިންގަމުންދާ އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުން އަބަދު ވެސް ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާ އެކު ތިބެ، މިނިވަންކަން ހޯދައިދިނުމަށާއި މި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
އިސްރާއީލުން ހިނގަމުންދާ އަސްކަރީ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާރު ވެސް ކުށެއްނެތް އާންމުންގެ ފުރާނަ ގެއްލި، ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތައް ފަދަ މުހިންމު އިމާރާތްތަށް ވަނީ ހަލާކުވެފައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 11،000 އަށްވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާއިރު، ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުން އަދަދު ވަނީ 3000 އަށް އަރައިފައެވެ.