މިއަހަރުވެސް ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް، ނައިބަކަށް މުހައްމަދު ރަޝީދު

ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒާއި ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު--

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ނާޝިޒާއި ނައިބު މުގައްރިރަކަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު އިންތިޚާބު ކޮށްފިއެވެ.

މިއީ މި ދެ މެންބަރުން ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނައިބު މުގައްރިރުކަމުގެ މަގާމަށް އިންތިޚާބު ކުރި ހަތަރު ވަނަ އަހަރެވެ.

މެންބަރު ނާޝިޒާއި މެންބަރު މުހައްމަދު ރަޝީދު އެ މަގާމަށް އައްޔަންކުރެއްވީ މިއަދު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރުކަމަށް މެންބަރު ނާޝިޒްގެ ނަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. އަދި އެ މަގާމަށް ނާޝިޒް އިންތިޚާބުކުރީ، ކޮމިޓީއަށް ވަޑައިގެން ތިއްބެވި 15 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެއަށްފަހު ނައިބު މުގައްރިރަކަށް މުހައްމަދު ރަޝީދުގެ ނަން ހުށަހެޅުއްވީ ނާޝިޒްއެވެ. އެ މަގާމަށް މުހައްމަދު ރަޝީދު އިންތިޚާބުކުރީ، ކޮމިޓީއަށް ވަޑައިގެން ތިއްބެވި 15 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނާޝިޒް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާއިރު މުހައްމަދު ރަޝީދަކީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރެވެ. ބަޖެޓް ދިރާސާ ކުރަނީ އެ ދެ ކޮމިޓީ ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ވަނީ މިއަދު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ހުށަހަޅާފައެވެ.

އެއީ އަންނަ އަހަރަށް ބޭނުންވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައި އޮތުމުގެ ސަބަބުން ބަޖެޓު ފާސްކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.

އެ މައްސަލާގައި ބަންޑާރަ ނައިބުގެ ލަފައާ ގުޅިގެން މިނިސްޓަރު އަމީރު ވެސް މީގެ ކުރިން މަޖިލީހަށް ވަނީ ވަޑައިނުގެންފައެވެ. ނަމަވެސް މަޖިލީހުގެ އާ ރައީސާއެކު މިއަދު މިވަނީ ބަޖެޓް ހުށަހަޅައި މަސައްކަތް ފައްޓަވާފައެވެ.

comment ކޮމެންޓް