ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން އިތުރު ތިން ދުވަސް ދިނުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް --

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް އިތުރު ތިން ދުވަސް ދިނުމަށް، ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންނަ އަހަރުގެ ބަޖެޓާ އެކު މިއަހަރަށް ކަނޑައަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވާފައެވެ.

އެ ބަޖެޓު ފާސްކުރަން މަސައްކަތް ކުރައްވާނެ ގޮތް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲއެވެ.

އެ އިސްލާހުގައި ވަނީ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް، އެ ބަހުސްގައި އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ފުރުސަތެއް ދިނުމަށެވެ. އަދި އެ ބަހުސަށް ފަހު ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވާ ކޮމިޓީގައި ދެ ދުވަހުގެ މަސައްކަތް ހިންގުމަށް ފަހު ކޮމިޓީ ރިޕޯޓުގެ ބަހުސަށް އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.

މި އިސްލާހު ފާސްކުރުމަށް ވޯޓަށް އެހިއިރު މަޖިލީހުގައި ތިއްބެވި 43 މެމްބަރުންގެ ތެރެއިން 38 މެމްބަރުން ވޯޓް ދެއްވީ އެގޮތަށް ކުރިއަށް ދާން ފެންނަ ކަމަށެވެ. އެެހެންކަމުން އެ އިސްލާހު ވަނީ ފާސްވެފައެވެ.

މި އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

comment ކޮމެންޓް