އަންނަ އަހަރު ފައިސާ ޗާޕުނުކޮށް ޚަރަދުތައް ކުރެވޭނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އެމްއެމްއޭއިން ހަމަޖެއްސި 4.4 ބިލިއަން ރުފިޔާގެ އޯވާޑްރާފްޓް ފެސިލިޓީގެ ބައެއް ދެ ފަހަރެއްގެ މަތިން ސެކިއުރިޓައިޒްކޮށް، މި އަހަރު ވަނީ ލިމިޓު ކުޑަކޮށްފައި ކަމަށެވެ.

"އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓު ގެނައުމަކީ ކުރެވިދާނެ ކަމެއް. އެކަމަކު އެކަން ކުރެވޭނީ ބަޖެޓު ފައިނޭންސުކުރުމަށް ހޯދަން ޖެހޭ ފައިސާ ހޯދައިގެން،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެކަން ކުރުމަށްޓަކައި، ބަޖެޓު ފައިނޭންސްކުރުމަށް ރާވާފައިވާ ފައިނޭންސިން އިންފްލޯތައް ހޯދައި، ސަރުކާރުން އެކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭ މިންވަރު އޮންނަނީ ލިމިޓުކޮށްފައެވެ.

ނަމަވެސް ކޮވިޑްގެ ދުވަސްވަރު ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށް އޭޕްރީލް 2020 ގައި މަޖިލީހުން ފާސްކޮށްފައި ވަނިކޮށް އެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރި މުއްދަތު ފަހުން ވަނީ އިތުރުކޮށްފައެވެ. ސަރުކާރުން އެދިގެން އިތުރުކުރި މުއްދަތު ހަމަވާނީ މިއަހަރުގެ ނިޔަލަށެެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރާތީ ކެމްޕޭނުގެ ތެރޭގައި ވެސް އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް މުއިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.

މުއިއްޒު ވިދާޅުވީ، ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ އިސްކަން ދޭނީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށާއި އިގްތިސާދީ އަނދަވަޅުން ގައުމު ނަގާ ކޮޅަށް ޖެހުމަށް ކަމަށެވެ. އެގޮތުން ފައިސާ ޗާޕުކުރަން ފުރުސަތު ހޯދަން ސަސްޕެންޑް ކޮށްފައިވާ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް