އަބްދުﷲ ގެއްލުނުތާ 11 ދުވަސް، އަދިވެސް ނުފެނޭ

ކުޅުދުއްފުށިން ގެއްލިގެން ހޯދާ އަބްދުﷲ އިބްރާހިމް،39 ---

މި މަހުގެ ތިން ވަނަ ދުވަހު ކުޅުދުއްފުށިން މީހަކު ގެއްލުނުތާ 11 ދުވަސްވިއިރު އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވީނުވީއެއް ނޭންގި ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުއްތަށް ނިސްބަތްވާ، އަބްދުﷲ އިބްރާހިމް، 39 އެވެ.

އަބްދުﷲ އިބްރާހިމް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 2 ވަނަ ހެނދުނު ކުޅުދުއްފުށިން ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މަހުގެ ތިން ވަނަ ދުވަހުގެ ފަހުން އޭނާ މާލޭ، ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނިގެން އާއިލާ މީހެއްގެ ގާތުގައި ބުނެފައިވާ ކަމަށް، އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގެއްލުނު މީހާގެ އާއިލާއިން ކުރިން މައުލުމާތު ދިން ގޮތުގައި، މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދުއްވާ ސީކުއީން ބޯޓުން އަބްދުﷲ މާލެ އައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް ފަހުން ވީ ގޮތެއް އާއިލާއަކަށް ވެސް ނޭނގެއެވެ.

އެހެންކަމުން އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 3322111އަށް ނުވަތަ 9791382އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރު މިފަހަކަށް އައިސް ވަނީ އިތުރު ވެފައެވެ. ފުލުހުން އެ މީހާ ހޯދަން އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ މީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް